ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ޑެންމާކާ ފިންލޭންޑް ރޭ ކުޅުނު މެޗުގައި ޑެންމާކްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ވެއްޓިފައި އޮތް އިރު އޭނާގެ ހިތް ހުއްޓުނު ކަމަށް ޑެންމާކް ޓީމުގެ ޑޮކްޓަރު މޯޓެން ބޮއިސެން ބުނެފިއެވެ.
އެރިކްސަންގެ ސިއްހަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބޮއިސެން ބުނީ ދަނޑުމަތީ އެރިކްސަންގެ ހިތް ހުއްޓުނު ކަމަށާ އޭނާ މަރާ ކައިރިވީ ވަރު ޑޮކްޓަރުންގެ ޓީމަށް ވެސް ބުނެދޭން ނޭނގޭ ކަމަށެވެ.
ޑެންމާކް ޓީމުގެ ޑޮކްޓަރު ބުނީ އެރިކްސަން މިހާރު ސްޓޭބަލްވެފައިވާ ކަމަށާ އެހެން ނަމަވެސް އިތުރު ޓެސްޓްތައް ހެދުމަށް އެރިކްސަން އަދި އޮތީ ހޮސްޕިޓަލްގައި އެޑްމިޓްކުރެވިފައި ކަމަށެވެ. ބޮއެސަން ބުނީ މިއަދު ހެނދުނު އޭނާ އެރިކްސަންއާ ވާހަކަ ދެއްކި ކަމަށާ އެރިކްސަން ވަނީ އޭނާގެ ޓީމަށް ހާއްސަ މެސެޖެއް ފޮނުވާފަ ކަމަށެވެ.
އަދި އިއްޔެ ހިނގި ހާދިސާއަށް ފަހު ޑެންމާކް ޓީމުގެ ކުޅުންތެރިންނާ ސްޓާފުންނަށް ދޭން ޖެހޭ އެހީ ފޯރުކޮށް ދެމުންދާ ކަމަށާ އެކަކު އަނެކަކަށް އަޅާލަމުންދާ ކަމަށެވެ.
ރޭގެ މެޗުގައި އެރިކްސަން ހޭނިތެގެން ވެއްޓިފައިވަނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ފިންލޭންޑްގެ ޕެނަލްޓީ އޭރިއާ ކައިރިން ބޭރު ރޮނގާ ދިމާލަށެވެ. އޭނާ ވެއްޓުނު ގޮތުން ވެސް ކައިރީގައި ތިބި ކުޅުންތެރިންނަށް އެރިކްސަންގެ ހާލު ސީރިއަސް މިންވަރު ފާހަގަވެގެން ދިޔައެވެ. އަދި ވަގުތު ސިއްހީ ފަރުވާއަށް އެދުނެވެ.
ޑެންމާކްގެ މެޑިކަލް ޓީމުން 15 ވަރަކަށް މިނެޓް ވަންދެން އެރިކްސަންއަށް ފަރުވާ ދިން އިރު މީގެ ތެރޭގައި ސިއްހީ ކުއްލި ފަރުވާ ހިމެނެއެވެ.
އެރިކްސަން ވެއްޓުމުން އެމެޗުގެ ކުޅުން ހުއްޓާލި ނަމަވެސް އޭނާގެ ހާލު ރަނގަޅުވިކަން ކަށަވަރުވުމުން ދެޓީމުގެ ކުޅުންތެރިންގެ އެދުމުގެ މަތިން އަލުން ވަނީ މެޗުގެ ކުޅުން ކުރިއަށް ގެންގޮސްފައެވެ.
މިމެޗު 1-0 އަކުން ކާމިޔާބުކުރީ ފިންލޭންޑެވެ.