ހުކުރު ދުވަހު ފެށި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފިންލޭންޑާ ޑެންމާކް ކުޅުނު މެޗަކީ އެ މެޗު ބެލި އެއްވެސް މީހަކު ހަނދާނުން ފިލައިގެން ނުދާނެ ފަދަ ބިރުވެރި މަންޒަރެއް ފެނިގެން ދިޔަ މެޗެކެވެ.
އެއީ ދުވެ ދުވެ ހުރި ކުޅުންތެރިއަކު ހޭނެތި ހަބަރު ހުސްވެގެން ދަނޑު މައްޗަށް ވެއްޓި އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ޓީމުގެ އެހެން ކުޅުންތެރިންނާ މެޑިކަލް ޓީމުން އުޅުނު ހާސްކުރުވަނިވި މަންޒަރެވެ.
ރޭގެ މެޗުގައި ހަބަރު ހުސްވެގެން ދަނޑު މައްޗަށް ވެއްޓުނީ ޑެންމާކްގެ ކުޅަދާނަ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއެވެ. އުމުރުން 29 ވަނަ އަހަރުގެ އެރިކްސަން މީގެ ކުރިން އިނގިރޭސި ޓީމު ޓޮޓެންހަމްއަށް ކުޅެފައިވާ އިރު އޭނާ މިހާރު ކުޅެމުންދަނީ އިޓަލީގެ ޗެމްޕިއަންސް އިންޓާމިލާންއަށެވެ.
އެރިކްސަން ހޭނިތެގެން ވެއްޓިފައިވަނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ފިންލޭންޑްގެ ޕެނަލްޓީ އޭރިއާ ކައިރިން ބޭރު ރޮނގާ ދިމާލަށެވެ. އޭނާ ވެއްޓުނު ގޮތުން ވެސް ކައިރީގައި ތިބި ކުޅުންތެރިންނަށް އެރިކްސަންގެ ހާލު ސީރިއަސް މިންވަރު ފާހަގަވެގެން ދިޔައެވެ. އަދި ވަގުތު ސިއްހީ ފަރުވާއަށް އެދުނެވެ.
މެޗުގެ ރެފްރީ އެންތަނީ ޓެއިލާގެ އަވަސް ނިންމުން
އެރިކްސަން ދަނޑު މައްޗަށް ވެއްޓުނުތާ ފަސް ސުކުންތުގެ ތެރޭގައި މެޗުގެ ރެފްރީ އެންތަނީ ޓެއިލާ ވަނީ ހާލަތުގެ ނާޒުކުކަން ދެނެގަނެ ވަގުތުން މެޗުގެ ކުޅުން ހުއްޓުވާ ސިއްހީ ފަރުވާ ދޭ ޓީމު ދަނޑަށް އެރުމަށް އަންގާފައެވެ. މިފަދަ ހާލަތެއްގައި ކޮންމެ ސިކުންތަކީ ވެސް ފުރާނައެއް ސަލާމަތްކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާ އިރު ރެފްރީ ޓެއިލާގެ އަވަސް ނިންމުމަށް ގިނަ ބަޔަކު ތައުރީފުކުރިއެވެ.
އެރިކްސަންއަށް ކުއްލި ފަރުވާ ދިން ސިއްހީ ޓީމު
ދަނޑުމަތީގައި އެރިކްސަންއަށް ގާތް ގަނޑަކަށް 15 މިނެޓް ފަރުވާ ދިން އިރު ވަގުތުން ދަނޑަށް އަރާ އޭނާގެ ފުރާނަ ސަލާމަތްކުރުމުގައި މުހިންމު ރޯލެއް އަދާކުރީ ސިއްހީ ޓީމުން ކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، އޭނާ ވެއްޓުނީ ހިތް ހުއްޓިގެން ކަން ދެނެގަނެ އެކަމަށް ދޭ ކުއްލި ފަރުވާ ސިއްހީ އެހީތެރިން ފެށީ އެރިކްސަންއާ ހިސާބަށް ދިޔަތާ މާ ގިނަ އިރު ތަކެއް ނުވެއެވެ. ހާސްކަމުން ފުރިފައިވާ އެދަނޑިވަޅުގައި އެރިކްސަންގެ ހިތުގެ ވިންދުން އަލުން ޖަހަން ފެށުމަށް އެހީވުމަށް ކަރަންޓް ޝޮކްދޭ މެޝިންތައް ބޭނުންކުރީ އަވަސް ކަމާ ޕްރޮފެޝަނަލް ކަމާ އެކުގައެވެ. އެތަށް ހާސް ބައެއްގެ ކުރިމަތީ ސިއްހީ ކުއްލި ފަރުވާ ޑެންމާކްގެ ޓީމުން ދިނީ އެއްވެސް ބިރެއް ފަސް ޖެހުމެއް ނެތިއެވެ.
އެރިކްސަންގެ ފުރާނަ ސަލާމަތްކުރުމުގައި ކެޕްޓަން ސައިމަން ކިޔާ އަދާ ކުރި މުހިންމު ދައުރު
އެރިކްސަން ވެއްޓުނު ތަނާހެން އޭނާގެ ކައިރިއަށް އެންމެ ފުރަތަމަ ދިޔަ ކުޅުންތެރިއަކީ ޑެންމާކްގެ ކެޕްޓަން ސައިމަން ކިޔާއެވެ. އެރިކްސަންގެ ކައިރިއަށް ދިއުމަށް ފަހު ވެގެން އުޅޭ ގޮތެއް ހޯދާކަށް ކިއާ މާ ގިނަ އިރު ތަކެއް ނުނަގައެވެ. އޭނާ ފުރަތަމަ ވެސް ބެލީ ސިއްހީ ޓީމު އައުމުގެ ކުރިން ވެސް އެރިކްސަންއަށް ފަރުވާ ދެވޭތޯއެވެ. މިގޮތުން، ހޭނިތަފައި އޮތް އެރިކްސަންއަށް އޭނާގެ އަމިއްލަ ދޫ ދިރުވެ ނޭނުލެވިދާތީ ކިޔާ ވަނީ އޭނާއަށް ފަރުވާ ދީފައެވެ. އަދި ސީޕީއާރު ދިނުމަށް ފަސޭހަވާނެ ހެން އެރިކްސަންގެ ހަށިގަނޑު އަނބުރާ މެޑިކަލް ޓީމަށް ފަސޭހަކޮށް ދިނީ ވެސް ކެޕްޓަންއެވެ.
ވެއްޓިފައި އޮތް އެރިކްސަންގެ ވަށައިގެން ތިބި ކުޅުންތެރިންގެ މޫނުމަތިން ހިތާމައާ މާޔޫސްކަން ފެނިގެން ދިޔަ އިރު ކިޔާ މަސައްކަތް ކުރީ ޑެންމާކްގެ ހުރިހާ ކުޅުންތެރިން ވެގެން އެރިކްސަން ވަށާލާ ސިއްހީ ފަރުވާދޭ ޓީމަށް ޕްރައިވެޓްކޮށް މަސައްކަތްކޮށްލެވޭނެ ގޮތެއް ހަދާ ދިނުމަށެވެ.
އެއަށް ފަހު ދެން ވެސް ކިޔާގެ ފަރާތުން އަނެއްކާ ވެސް ފެނުނީ މުޅި އިންސާނިއްޔަތު ފަހުރުވެރިވާނެ ފަދަ އަމަލެކެވެ. އެރިކްސަން ފަރުވާ ދެމުން ދިޔަ އިރު އެމެޗު ބަލަން އައިސް އިން އެރިކްސަންގެ އަންހެނުން ދަނޑަށް އަރާތަން ޓީވީތަކުން ދެއްކިއެވެ. އަދި އެރިކްސަންގެ އަންހެނުންނަށް ކިޔާ ހިތްވަރުދޭ މަންޒަރު ވެސް ފެނިގެން ދިޔައެވެ.
ޑެންމާކްއާ ފިންލޭންޑްގެ ކުޅުންތެރިން އަދި ސަޕޯޓަރުން ދެއްކި ރީތި ނަމޫނާ
އެރިކްސަންގެ ހާލު ސީރިއަސްވެ މުބާރާތް އިންތިޒާމްކުރާ ޔޫއެފްއާއިން މެޗުގެ ކުޅުން މެދުކަނޑާލަން ނިންމި ފަހުން އެރިކްސަންއަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމުން އޭނާ ސްޓޭބަލްވެ ޓީމުގެ އެހެން ކުޅުންތެރިންނާ ވާހަކަ ދެއްކި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މެޗުގެ ކުޅުން އަލުން ފެށުމަށް އެދުނު ކަމަށާ އެރިކްސަންގެ ހާލު ސްޓޭބަލްވުމުން ދެ ޓީމުގެ ކުޅުންތެރިން ވެސް މެޗު އަލުން ކުޅެން ބޭނުންވާ ކަމަށް ޔޫއެފްއާއިން ހާމަކުރިއެވެ.
މެޗު އަލުން ފެށުމަށް ޑެންމާކްގެ ކުޅުންތެރިން ދަނޑަށް ނިކުތުމުން ފިންލޭންޑްގެ ކުޅުންތެރިން އެމީހުންނަށް ތަރުހީބުދީ ހިތްވަރު ދެމުން ދިޔަ މަންޒަރަކީ ވެސް ހިތާ ކުޅެލާ ފަދަ މަންޒަރެކެވެ.
މެޗު މެދު ކަނޑާލާފައި އޮތް ވަގުތު ދެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ވެސް މިފަދަ މަންޒަރެއް ފެނިގެން ދިޔައެވެ. މިގޮތުން، ފިންލޭންޑްގެ ސަޕޯޓަރުން އަޑުގެ ނެތްތަނަށް "ކްރިސްޓިއަން" ގޮވަމުން ދިޔަ އިރު އޭނގެ ފަހަތުން ޑެންމާކްގެ ސަޕޯޓަރުން ކިޔަމުން ދިޔައީ "އެރިކްސަން" މިހެނެވެ.
ދެޓީމުގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔަ މިމަންޒަރަކީ ގައިން ހީބިހި ނަގައިގެންދާ ފަދަ އުއްމީދީ މަންޒަރެކެވެ.