ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރަޝިޔާއާ ބެލްޖިއަމް ވާދަކުރި މެޗު ބެލްޖިއަމް ފަސޭހަ ކާމާ އެކު ކާމިޔާބުކޮށްފިއެވެ.

މިމެޗު ބެލްޖިއަމް އިން ކާމިޔާބު ކުރީ 0-3 ގެ ސްކޯލައިންއަކުންނެވެ.

ރަޝިޔާގެ ސެއިޓް ޕީޓަސްބާގްގައި ކުރިއަށް ދިޔަ މިމެޗުގައި ބެލްޖިއަމްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އިނގިރޭސި ޓީމު މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު އަދި މިހާރު އިޓަލީގެ އިންޓާމިލާންއަށް ކުޅޭ ފޯވަޑް ރޯމަލޫ ލުކާކޫއެވެ. ރަޝިޔާގެ ޑިފެންޑަރަކަށް ހެދުނު ގޯހަކުން ލުކާކޫއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ އޭނާގެ ޓީމަށް ލީޑު ނަގާ ދިނީ މެޗުގެ 10 ވަނަ މިނެޓްގައެވެ. ލަނޑު ޖެހުމަށް ފަހު ލުކާކޫ ވަނީ އިންޓަ މީލާންގައި އޭނާއާ އެކު ކުޅޭ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް ހާއްސަ މެސެޖެއް ފޮނުވާފައެވެ.

ލަނޑު ޖެހުމަށް ފަހު އެރިކްސަން އަށް ލޫކާކު މެސެޖެއް ފޮނުވަނީ/ ފޮޓޯ: ގޯލް ޓުވިޓާ

ގްރޫޕް ބީގައި ކުރިން ކުޅުނު މެޗުގެ ތެރެއިން އެރިކްސަން ވަނީ ހޭނެތިގެން ދަނޑަށް ވެއްޓިފައެވެ.

ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް މާމޮޅު ކުޅުމެއް ފެނިފައި ނުވާ އިރު ގިނަ އަދި ނުރައްކާތެރި ހަމަލާތައް އުފައްދާފައިވަނީ ބެލްޖިއަމްއިންނެވެ. ނަތީޖާއަކަށްވީ މެޗުގެ ފުރަތަމަ ހާފްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ބެލްޖިއަމް އަށް ކުޅެން ނިކުތް ތޯމަސް މޫނިއޭ 34 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ބެލްޖިއަމްގެ ލީޑު ފުޅާ ކުރުމެވެ. މިލަނޑަކީ ވެސް ރަޝިޔާގެ ޑިފެންސިވް މިސްޓޭކެއް ކަން މެޗުގެ ކޮމެންޓޭޓަރުން ވަނީ ފާހަގަކޮށްފައެވެ.

ބެލްޖިއަމްގެ ދެވަނަ ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާ ފާޅުކުރަނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

0-2 އަކުން ބެލްޖިއަމް ކުރީގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްގައި ރަޝިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް ވެސް އުފައްދާފައެވެ.

އެހެން ނަމަވެސް ދެން ވެސް ލަނޑު ޖަހާ މެޗުގެ ނަތީޖާ ކަށަވަރުކުރީ ބެލްޖިއަމްއިންނެވެ. މެޗުގެ 88 ވަނަ މިނެޓްގައި ބެލްޖިއަމްއަށް މި ލަނޑު ކާމިޔާބުކޮށް ދިނީ ފޯވަޑް ލުކާކޫއެވެ.