މިހާރު ހިނގަމުންދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ފިންލޭންޑާ ޑެންމާކް ވާދަކުރި މެޗު 1-0 އަކުން ފިންލޭންޑް ކާމިޔާބުކޮށްފިއެވެ.
ޑެންމާކްގެ މައްޗަށް ފިންލޭންޑުން ކާމިޔާބީ އަކީ ތާރީހީ ކާމިޔާބީއަކަށްވާ އިރު މިއީ މިފަދަ ފުޓްބޯޅަ މުބާރާތެއްގައި ފިންލޭންޑް ކުޅުނު ފުރަތަމަ ފަހަރެވެ.
އެހެން ނަމަވެސް ފިންލޭންޑްގެ މި ހާއްސަ މޮޅަށް ހިޔަނި އެޅިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ޑެންމާކްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓި ފުރާނައަށް ނުރައްކާވުމުންނެވެ.
ފިންލޭންޑްގެ ހާފް ތެރޭއިން ޑެންމާކަށް ލިބުނު އެއްލުމެއް ޑެންމާކްގެ ކުޅުންތެރިއެއް އެރިކްސަންއާ ދިމާލަށް އެއްލި ވަގުތު އޭނާ ހޭނިތިގެން ވެއްޓުނު އިރު އޭނާ ހަރާކަތެއް ނެތި ވެއްޓިފައި އޮތް ތަން ޓީވީން ފެނެއެވެ. އަދި މަދު ސުކުންތުކޮޅެއްގެ ތެރޭގައި ސިއްހީ ކުއްލި ފަރުވާދޭ ޓީމުން އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ސީޕީއާރް ދޭ މަންޒަރު ވެސް ފެނިގެންދެއެވެ.
އެރިކްސަންގެ ހާލު ސީރިއަސްކަމުން ޔޫއެފްއާއިން ފުރަތަމަ ނިންމީ މެޗު މެދު ކަނޑާލުމަށެވެ. އަދި އެއަށް ފަހު ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑު ފައިބައިގެން ދިޔަ ފަހުން ޔޫއޭފްއާއިން ވަނީ މެޗު އަލުން ކުޅޭނެ ކަން އިއުލާނުކޮށްފައެވެ.
އެއީ އެރިކްސަން އަށް ހޮސްޕިޓަލްގައި ފަރުވާ ދެވި އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަން ޔަގީންވުމުން ދެ ޓީމުގެ ކުޅުންތެރިން ވެސް މެޗު ނިންމަން ބޭނުންވުމުން ކަމަށް ޔޫއެފްއާއިން ވަނީ ބުނެފައެވެ.
މިގޮތުން މެޗުގެ ފުރަތަމަ ހާފްގެ ބާކީ އޮތް ހަތަރު މިނެޓް ކުޅުމަށް ފަހު ފަސް މިނެޓްގެ ބްރޭކެއް ނަގާ ދެވަނަ ހާފް ކުޅެން ފެށިއެވެ.
މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާ ގިނަ ފުރުސަތުތައް އުފެއްދީ ޑެންމާކުން ނަމަވެސް މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފިންލޭންޑުންނެވެ. މެޗުގެ 55 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖޯލް ޕޯޔެންޕާލޯއެވެ.
މެޗުގައި ޑެންމާކަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް ފިންލޭންޑްގެ ކީޕަރު ލޫކަސް ރުޑެންސްކީ ވަނީ މޮޅު ސޭވްތަކެއްކޮށްފައެވެ. މީގެ ތެރެއިން އެއް ސޭވަކީ ޑެންމާކަށް ލިބުނު ޕެނަލްޓީއެއް ހިފަހައްޓައިގެން އޭނާ ކުރި ސޭވްއެކެވެ.
މިމެޗުން މޮޅުވުމުން ފިންލޭންޑަށް ލިބުނު ތިން ޕޮއިންޓާ އެކު އެޓީމު މިހާރު އޮތީ ގްރޫޕް ބީގެ ތާވަލުގެ އެއްވަނައިގައެވެ.