ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިރޭ ޑެންމާކާ ފިންލޭންޑް ބައްދަލުކުރި މެޗުގައި ޑެންމާކްގެ ތަޖުރިބާކާރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަން އަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބު މެޗުގެ ކުޅުން މެދު ކަނޑާލައިފިއެވެ.
އެރިކްސަން ވަނީ ފިންލޭންޑްގެ އޭރިއާ ތެރެއިން ޑެންމާކް އަށް ލިބުނު އެއްލުމެއްގައި ފައިން ޖެހުމަށް އެދިމާލަށް ހިނގައިގަތުމަށް ފަހު ދަނޑު މައްޗަށް ވެއްޓިފައެވެ.
ޑެންމާކްގެ މެޑިކަލް ޓީމުން ވަގުތުން އޭނާއަށް ފަރުވާ ދެމުން ދިޔަ އިރު ހިތް ހުއްޓިގެން ދޭ އަވަސް ފަރުވާ ކަމަށްވާ ސީޕީއާރް އެރިކްސަން އަށް ދޭ މަންޒަރު ޓީވީތަކުން ވަނީ ފެނިފައެވެ.
އެރިކްސަންއަށް ފަރުވާ ދިން އިރު ޑެންމާކްގެ ކުޅުންތެރިން އޭނާ ވަށާލައިގެން ތިބި މަންޒަރު ފެނިގެންދެއެވެ. އަދި ބައެއް ކުޅުންތެރި ރޮމުން ގެންދިޔަ އިރު ފިންލޭންޑްގެ ކުޅުންތެރިގެ މޫނު މަތިން ވެސް ފެނިފައިވަނީ ހާސްކަމެވެ.
ސްޓްރެޗާއަށް ލައިގެން އެރިކްސަން ދަނޑުން ބޭލި އިރު އޭނާ ފަހުން ހޭ އަރާ އަތް ހިތްލާލި ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
އެހެން ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ސީރިއަސް ކަމުން ޔޫއެފްއާއިން ވަނީ މެޑިކަލް އެމާޖެންސީއެއްގެ ސަބަބުން މެޗުގެ ކުޅުން މެދު ކަނޑާލައިވާ ކަން އިއުލާނުކޮށްފައެވެ.
މެޗުގެ ކުޅުން ނިމުނު އިރު ސްކޯ އަކީ 0-0 އެކެވެ.