ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ ސުވިޓްޒަލޭންޑާ ވޭލްސް ވާދަކުރި މެޗު 1-1 އަކުން އެއްވަރުވެއްޖެއެވެ.

އަޒަރްބައިޖާންގެ ވެރިރަށް ބަކޫގައި ކުޅުނު މި މެޗުގައި ގިނަ އިރު ބޯޅަ ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެފައިވަނީ ސުވިޓްޒަލޭންޑުންނެވެ. އަދި އެޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ވެސް އުފައްދާފައެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް އަނެއް ޓީމުގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވެއެވެ.

ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރު ނުވެ ސުވިޓްޒަލޭންޑުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ލިވަޕޫލްގެ އެޓޭކިންގް މިޑްފީލްޑަރު ޒެޑާން ޝަކީރީ ނަގާ ދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލީ ދިނީ ޒުވާން ފޯވަޑް ބްރީލް އެމްބޯލޯއެވެ.

ސުވިޓްޒަލޭންޑްގެ ލަނޑު ޖަހާ ދިން ބްރީލް އެމްބޯލޯ ޓީމުގެ އެހެން ކުޅުންތެރިންނާއި އެކު އުފާ ފާޅުކުރަނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ސުވިޓްޒަލޭންޑްގެ ލަނޑާ އެކު ވޭލްސްގެ ކުޅުން ރަނގަޅު ކުރިއެވެ. އަދި އޭނގެ 15 މިނެޓް ފަހުން ލަނޑެއް ޖަހާ މެޗުގެ ސްކޯ ހަމަހަމަ ކުރިއެވެ.

މިލަނޑު ވޭލްސްއަށް ކާމިޔާބުކޮށް ދިނީ މެޗުގެ 74 ވަނަ މިނެޓްގައި ކީފާ މޫ އެވެ.

މެޗު ނިމެން ދިޔަ އިރު ސުވިޓްޒަލޭންޑުން ވޭލްސްގެ ގޯލަށް އިތުރު ހަމަލާތައް އަމާޒުކުރިއެވެ. އަދި މެޗު ނިމެން ގާތްވެފައި ވަނިކޮށް ސުވިޓްޒަލޭންޑްގެ މާރިއޯ ގްރަވަނޮވިޗް ވަނީ ލަނޑެއް ޖަހާ ސްކޯ 2-1 އަކަށް ހަދާފައެވެ. އެހެން ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މިލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ކަނޑައަޅާފައެވެ.

އޭނގެ ފަހުން ވެސް ސުވިޓްޒަލޭންޑުން އުފެއްދި ނުރައްކާތެރި ހަމަލާއެއް ވޭލްސްގެ ކީޕަރު ޑެނީ ވޯޑް ވަނީ ހުށިޔާރު ކަމާ އެކު ސަލާމަތްކޮށްފައެވެ.

މިރޭގެ މެޗު އެއްވަރުވުމުން ދެ ޓީމަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މިހަފްތާގެ ބުދަ ދުވަހު މިދެޓީމު ވެސް މުބާރާތުގައި ދެވަނަ މެޗެއް ކުޅޭނެ އިރު ވޭލްސް ވާދަ ކުރާނީ ރޭ އިޓަލީ އަތުން ބަލިވި ތުރުކީއާއެވެ. އަދި ސުވިޓްޒަލޭންޑް އިޓަލީއާ ވާދަކުރުމަށް ރޯމަށް ދަތުރުކުރާނެއެވެ. ގްރޫޕް އޭ ގެ 1 ވަނައިގައި މިވަގުތު އޮތީ ރޭ 3-0 އަކުން ތުރުކީގެ މައްޗަށް ކުރި ހޯދި އިޓަލީއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އަދި ވެސް ދެ މެޗު ކުޅޭ އިރު ރާއްޖޭ ގަޑިން ރޭގަނޑު 9 ޖަހާ އިރު ވާދަ ކުރާނީ ގްރޫޕް ބީ އިން ޑެންމާކާ ފިންލެންޑެވެ. އަދި ރާއްޖެ ގަޑިން ދަންވަރު 12 ޖަހާ އިރު އެގްރޫޕްގެ ބެލްޖިއަމްއާ ރަޝިޔާ ވާދަކުރާނެއެވެ.