ޔޫރޯ 2020 ފުޓްބޯޅަ މުބާރާތް ރޭ ފަށާފައިވާ އިރު މުބާރާތުގެ ފުރަތަމަ މެޗުގައި ތުރުކީގެ މައްޗަށް އިޓަލީން ކުރި ހޯދައިފިއެވެ.
އަމިއްލަ ގައުމުގައި ކުޅުނު މި މެޗު އިޓަލީގެ ޓީމުން ކާމިޔާބުކުރީ 3-0 އަކުންނެވެ.
މެޗުގެ ކުރިން މަޝްހޫރު ލަވަކިއުންތެރިޔާ އެންޑްރިއާ ބޮޗެލީގެ ރަން އަޑުން ހިތް ގައިމު ހުށަހެޅުމެއް އިވިގެން ދިޔަ އިރު ދެން ފެނިގެން ދިޔަ ބަޑި ބޭހުގެ ކުޅިވަރުންތައް ވެސް އެހާމެ ރީޗެވެ.
އެއަށް ފަހު ފުޓްބޯޅަ ދަނޑުގައި އިޓަލީން ދެއްކި ކުޅުމަށް ވެސް ހަމަ ތައުރީފު ހައްގެވެ. މެޗުގެ ފުރަތަމަ ހާފްގައި އިޓަލީން ގިނަ ފުރުސަތުތަކެއް އުފެއްދި ނަމަވެސް ތުރުކީގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މެޗުގައި އިޓަލީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ ދެވަނަ ހާފްގައި ތުރުކީގެ ކުޅުންތެރިއެކެވެ. މިގޮތުން އޭރިއާ ތެރެއަށް އައި ބޯޅައެއް ދިފާއުކުރުމުގެ އުޅުމުގެ ތެރޭގައި ތުރުކީގެ މެރިހް ޑެމިރަލްއަށް ބޯޅަ ޖެހުނީ އަމިއްލަ ޓީމުގެ ގޯލަށެވެ.
މެޗުގެ 55 ވަނަ މިނެޓްގައި ވަތް މިލަނޑާއި އެކު އިޓަލީން އުފައްދަމުން ދިޔަ ހަމަލާތައް އިތުރުކުރިއެވެ. އަދި މެޗުގެ 66 ވަނަ މިނެޓްގައި އިޓަލީގެ ލާޒިއޯއަށް ކުޅޭ ހުނަރުވެރި ފޯވަޑް އިމޯބިލޭ ވަނީ ލަނޑެއް ޖަހާ ސްކޯ 2-0 އަކަށް ހަދާފައެވެ.
އިޓަލީގެ ތިން ވަނަ ލަނޑު ޖެހީ އިމޯބިލޭ ނަގާ ދިން ޕާހަކުން ތަޖުރިބާކާރު ފޯވަޑް އިންސިގްނޭއެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގައި އިޓަލީން ތިން ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މިމޮޅާ އެކު އިޓަލީ މިހާރު އޮތީ މުބާރާތުގެ ގްރޫޕް އޭގެ އެއްވަނައިގައެވެ. މި ގްރޫޕްގައި ދެން ބާކީ ހިމެނޭ ސުވިޒަލޭންޑާއި ވޭލްސް މިއަދު ބައްދަލުކުރާ އިރު މި މެޗު އޮންނާނީ ރާއްޖޭ ގަޑިން އިއްރުއްސި ހައްއެއް ޖަހާ އިރުއެވެ.