ހ. ތަރަބޫޒުގޭގެ އެއްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ރޭ ދަންވަރު 02:44 ހާއިރު ހިނގި ކަމަށް މައުލޫމާތު ލިބުނު އެ ހާދިސާގައި އަލިފާން ރޯވީ ހ. ތަރަބޫޒުގޭގެ 1 ވަނަ ފަންގިފިލާގައި ބަހައްޓާފައި ހުރި، އެންގްރޭވް ކުރުމަށް ބޭނުންކުރާ ލޭޒާ މެޝިންތަކެއްގައި ކަމަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތުު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ. އަދި ރޯވެފައި ވަނީ ހ. ތަބުރޫޒުގޭގެގ 1 ވަނަ ފަންގިފިލާގައި ހުރި ވޯކްޝޮޕެއްގައި ކަމަށާ، 03:00 ހާއިރު އެމްއެންޑިީއެފް ގެ ފަޔާ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވާލައިފައި ވާކަމަށެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި 30 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެއެވެ. އަދި މިހާރު އެ ފަރާތްތައް ވަނީ އަނބުރާ އެ ގެޔަށް ބަދަލުކޮށްފައި ކަމަށްވެސް އެންޑީއެމްއޭ އިން ބުނެއެވެ.
މޭ 26، ވަނަ ދުވަހުގެ ރޭ ދަންވަރު މއ. މޯނިންވިއު ގޭގެ 3 ވަނަ ފަންގިފިލާގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. މި އަލިފާނުގެ ހާދިސާގައި 5 އާއިލާއެއް ހާލުގައި ޖެހި 32 މީހެއްގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ. އަދި މި ހާދިސާގެ އެސެސްމަންޓް ހަދާ ނިމިފައި ވާކަމަށާ އާދީއްތަ ދުވަހު މި އެސެސްމަންޓްގެ މައުލޫމާތު ދިނުމަށް ޕްރެސް ބްރީފިންއެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް ނޭޝަނަލް ޑިޒާޒްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެއެވެ.