ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާ ކުރުމަށް ހުށަހަޅާ، މަގާމުން އެކައެހި ކުރުމާ ގުޅިގެން މަހްލޫފު އެންމެ ފަހުން އުދާސްތައް ފަންޑުން ކޮށްލައްވައިފިއެވެ.

މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެށުނީއްސުރެވެސް އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭނާއާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ.

އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް މަހްލޫފު ވިދާޅުވިއެވެ.

މަހްލޫފު ވިދާޅުވީ ގާނޫނާއި ގަވައިދުގެ ތެރެއިން އަދި ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް އޭނާއާމެދު ތަފާތު ނުކޮށް މައްސަލަ ގެންދާނަމަ އެންމެ ދުވަހަކުވެސް އެމަގާމުގައި ދެމި ނުހުންނަވާނެ ކަމަށެވެ.

އޭގެ އިތުރުން ކަންބަޅިއެއްހެން ހަމައެކަނި މަހްލޫފް ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށް ވެސް މަހްލޫފު ވަނީ ވިދާޅުވެފައެވެ.

ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީ ގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު

އެސީސީން އިއްޔެ މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ އިރު، އެ ކޮމިޝަނުން ބުނެފައި ވަނީ މަހްލޫފަށް ރިޝްވަތުގެ ފައިސާގެ ގޮތުގައި 33،000 ޑޮލަރު ލިބިފައިވާކަން ކޮމިޝަނުގެ ތަހުގީގަށް އެނގިފައި ވާ ކަމަށެވެ. އަދި އެފައިސާ އަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެސްއޯއެފް ނަމުގައި ތައްޔާރު ކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އޭސީސީއަށް މަހްލޫފް ހުށަހަޅުއްވާފައި އޮތް ނަމަވެސް، ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އަދި އެއީ ޑޮލަރު ގަނެވިއްކުމަށް ކުރި މުއާމަލާތެއް ކަަމަށާއި އެ ޑޮލަރަށް ވާ ދިވެހި ފައިސާ ދައްކާފައި ވާނެ ކަމަށް ވިދާޅުވެ މަހްލޫފު އޭސީސީއަށް ހުށަހެޅުއްވި ސިޓީއާއި ދެއްވާފައި ވާ ބަޔާނަކީ ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދެއްވާފައި ވާ ބަޔާނެއްކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މިކަމާ ގުޅިގެން މަހްލޫފަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވާފައި ވަނީ، ދެ ކަމެއްގެ މައްޗަށެވެ. އެއީ އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހުގީގަށް ލިބިފައިވާ ހެއްކާއި ގާރީނާއިން އެނގެން އޮތުމުން، ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނު ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާ ކުރުމަށާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާތީ، ގާނޫނު ނަންބަރު 9/2014 ގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން ދައުވާ ކުރުމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާކުރުމަށް ހުށަހެޅުމާ ގުޅިގެން، އެމައްސަލައިގައި ގޮތެއް ނިންމުމާ ހަމައަށް މަހްލޫފު މަސައްކަތުން އެކަހެރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ނިންމަވާފައެވެ.