ޖެމްކިއު ނުވަތަ ޖީއެމްސީއީ އިންވެސްޓްމަންޓް ސްކީމް ހިންގައި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަމަށް ގޮންޖަހައި، ޖެމްކިއު ޕްރޮމޯޓު ކޮށްފިއެވެ.

އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކިތަންމެ ވަރަކަށް ނޫސް ބަޔާންތައް ނެރުނު ނަމަވެސް ޖީއެމްކިއު ބޭނުން ކުރައްވާ ފަރާތްތަކުގެ އަދަދު ކޮންމެ ދުވަހަކު ހާހުން އިތުރުވަމުންދާ ކަމަށެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޖެމްކިއުގެ ސަބަބުންއެ އެ ބޭނުން ކުރާ މީހުންނަށް ބޮޑުތަނުން ފައިދާވެ ކަންމަތީ ފިހާރަތަކުގެ ދަރަނި ދައްކާ ލުއި ލޯނުތައް ދައްކައި ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވަމުން ދާ ކަމަށް އައްބާސް ވިދާޅުވިއެވެ. ހަމައެއާއެކު އެކި މުނާސަބަތު ތަކުގައި ރަށްފުށުގައި ބާއްވާ އެކި އެކި ހަރަކާތްތަކަށް ޖެމްކިއުގެ ފަރާތުން ބޮޑެތި އަދަދު ތަކުން ސްޕޮންސާ ކުރާ ކަމަށް ވެސް އައްބަށް ވިދާޅުވިއެވެ.

ޖެމްކިއު ބޭނުންވާ މީޙުން އިތުރުވަމުން އަންނަ ކަން ފާހަގަ ކުރަމުން އައްބާސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ 70 ޕަސެންޓު މެންބަރުން ޖެމްކިއު އަށް އިންވެސްޓުކޮށްގެން އުޅޭ ކަމަށެވެ. ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓު ވެސް ޖެމްކިއު އަށް އިންވެސްޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 70،000 ދިވެހި ރައްޔިތުން ޖެމްކިއު ބޭނުންކުރަމުންދާ ކަމަށާއި އެއީ އެކަމުން ވަރަށް ބޮޑު ނަފާއެއް ލިބެމުންދާތީ ކަމަށް އައްބަށް ފާހަގަ ކުރެއްވިއެވެ.

ޖެމްކިއު ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެ ބަޔާނެއް ނެރެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަވްވާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގައި ރަޖިސްޓްރީކޮށް، ހުއްދަ ނަގައިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ. ޖެމްކިއު ނަމުގައި ހިންގާ ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށާއި މި ސްކީމަކީ ގާނޫނޫ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަން އެނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.