ރާއްޖޭގައި މިވަގުތު ކޮވިޑް ބަލި ހަލުވިކަމާއެކު ފެތުރެމުންދާ އިރު މި ބަލީގައި 146 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި އައިސީޔޫގައި މި ވަގުތު 16 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް ބައްޔާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް އެޗްއީއޯސީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޖުމްލަ 11 މީހަކަށް ދަރުމަވަންތަ އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި އޭގެ ތެރެއިން 4 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

އައިޖީއެމްއެޗުގ ހިޔަލަވިންގުގައި މިވަގުތު 2 ބަލި މީހަކަށް ފަރުވާ ދެމުން ދާއިރު ޕްރިވެޓް ވޯޑުގައި 2 މީހަކަށް ފަރުވާ ދެމުންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިވަގުތު 82 މީހަކަށް ފަރުވާ ދެމުން ދާއިރު އޭގެ ތެރެއިން 75 މީހަކަށް ފަރުވާދެމުން ދަނީ ވޯޑުގައި ކަމަށާއި 5 މީހަކު އައިސީޔޫގައި އަދި 2 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އޭގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި 17 މީހަކަށް، އޭޑިކޭއިން 5 މީހަކަށް، އައްޑޫ ރީޖަނަލް ހޮސްޕިޓަލުގައި 3 މީހަކަށް އަދި ބ. އޭދަފުށީގައި އެކަކަށް ފަރުވާ ދެމުންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ށ. ފުނަދޫގައި 10 މީހަކަށާއި ގއ. ވިލިނގިލީގައި އެކަކަށް އަދި ގދ. ތިނަދޫގައި އެކަކު އަދި ލ. ގަމުގައި 5 މީހަކަށް އަދި ފުވައްމުލަކުގައި އެކަކަށް ފަރުވާދެމުންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 15،621 މީހަކު އެބަ ތިއްބެވެ.