މ. މުލީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓާ އަލްއުސްތާޒު ހުސައިން އާމިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކޮށްފިއެވެ.

ޖޭއެސްސީ މިގޮތަށް ނިންމާފައި ވަނީ މ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން ދިޔަ އުސްތާޒް އާމިރުގެ ދަރިފުޅަކަށް, އެހެން ދަރިވަރެއްގެ ފަރާތުން ކުރިމަތިވި ގަނާކުރުމުގެ އަމަލަކާގުޅިގެން ކުއްޖާއާމެދު ރުޅި އިސްކޮށް އެކުއްޖާއާމެދު އިހާނެތިކޮށް އަމަލުކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

ޖޭއެސްސީން ވަނީ އެ މައްސަލަ ތަހުގީގުކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރުމަށްފަހު ޖޭއެސްސީން ވަނީ އެ އަމަލު އުސްތާޒް އާމިރުގެ މައްޗަށް ސާބިތުވާކަމަށް ނިންމާފައެވެ. އަދި ޖޭއެސްސީން ބުނެފައިވަނީ މި އަމަލަކީ ދިވެހިރާޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 9 ވަަ ނަންބަރާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 އާ 4.1 އާ ހިލާފު އަމަލެއްކަމަށެވެ.

އެހެންކަމުން ޖޭއެސްސީން ނިންމާފައިވަނީ އުސްތާޒް އާމިރުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވުމާ ގުޅިގެން ޖުޑީޝަލްސާވިސް ކޮމިޝަނުގެ ޤާނޫނުގެ 1-32 (ހ) ގެ 3 ގެ ދަށުން, މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ވަޒީފާގެ މަސައްކަތަށް ނިކުތުން 3 މަސްދުވަހަށް މަނާ ކުރުމަށެވެ.

އުސްތާޒް އާމިރަކީ މީގެ ކުރިން މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގައިވެސް މެޖިސްޓްރޭޓް މަގާމް އަދާކޮށްފައިވާ ބޭފުޅެކެވެ.