އެމްޑީޕީ ގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ޖޫން 10، ވާ ބުރާސްފަތި ދުވަހުގެ ރޭ 9 ޖަހާއިރު ބޭއްވުމަށް ތާވަލު ކޮށްފިއެވެ.

މި ޖަލްސާގެ އެޖެންޑާގައި ވަނީ މޭ 6، 2021 ވަނަ ދުވަހުގެ ރޭ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ހުށައަޅާ "މޭ ހަޔެއް ގަރާރު" އަށް ގޮތެއް ނިންމުން ކަމަށް އެޕާޓީން ބުނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްޑިޕީގެ ސެކްރެޓަރީ ޖެނެރަލް ޝަޒްލީ ޝަފީގް ބުނީ މި ގަރާރާބެހޭގޮތުން މައުލޫމަތު ހިއްސާ ކުރެވޭނީ ގައުމީ މަޖިލީހުގެ ޖަލްސާގަ ލައިވްކޮށް ކަމަށެވެ. އަދި މި ގަރާރުގައި ހިމަނާފައިވާނީ މޭ 6، ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން، އެކަމާ ގައުމީ މަޖިލީހުން ދެކޭ ގޮތާ ބައެއް ނިންމުންތައް ކަމަށްވެސް ޝަޒްލީ ބުނެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މޭއި ގެ ހަމަލާއާ މެދު މަޝްވަރާތައް ކުރުމަށް ނިންމާފައި މިވަނީ މި ހަމަލާގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން އިންކުއަރީއެއް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.

މި އިންކުއަރީއަށް ސަރުކާރާއި ފުލުހުންނާއި ސިފައިންގެ އިސްވެރިން ހާޒިރުކުރަމުންދާ އިރު ކޮމިޓީއަށް ވަކި ވަކި ސިފައިން ހާޒިރު ނުކުރެވޭނެކަމަށް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ސިޓީ އެއް ވަނީ ފޮނުވާފައެވެ. އަދި މިކަމާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒާބެހޭ ކޮމިޓީއަށް ޒަމީލްގެ މައްސަލަ ބަލައިދިނުމަށް ރައީސް ނަޝިދު ވަނީ އެދިފައެވެ.

ނަމަވެސް ޒަމީލްގެ މައްސަލަ އެ ކޮމިޓީން ބޭރުކޮށްލުމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕުގައި ވަނީބަހުގެ ހަމަލާތަކެއް ކުރިޔަށްގޮސްފައެވެ. އެގޮތުން އެމްޑީޕީ ގައުމީ މަޖިލީހުގައި ބިގޭ ޓެގްކުރައްވާ މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވެސް ވަނީ ހޫނު ރައްދެއް ދެއްވާފައެވެ. އީވާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް ބިގޭ މަސައްކަތް ނުކުރުމަށް އެދިފައެވެ.

ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީން ކުރާ ކަންކަން ކޮންމެ ފަހަރަކު ވެސް ގޯސް ކުރަން ބިގޭ އުޅުއްވަނީ ކީއްވެގެންތޯ އީވާ ވަނީ ބިގޭ އާ ސުވާލު ކުރައްވާފައެވެ. އަދި ރައީސް ނަޝީދުގެ ހާލަތާމެދު ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ވެސް އީވާ ސުވާލުކުރައްވާފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ވަކިވަކި ސިފައިން ހާޒިރު ވިޔަ ނުދޭން މަސައްކަތްކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ނަޝީދުގެ ފަރާތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕްގައި ކުރެއްވި މެސެޖެއް ވިދާޅުވެފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.