މާލެ ރައްޔިތުންނަށް ގުޅީފަޅުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ކޯޓަށް ދާންޖެހިއްޖެ ހާލަތެއްގައި ކޯޓަށްވެސް ދާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެއެވެ.

މުއިއްޒު މިގޮތަށް ވިދާޅުވެފައި ވަނީ ރޭ މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މުއިއްޒު ވިދާލުވެފައި ވަނީ މާލެ ރައްޔިތުން އެދޭގޮތަށް ގުޅީފަޅުގެ ކަންތައް ބަދަލު ކުރުމުގައި ސިޓީ ކައުންސިލަށް ފުރުސަތެއް އަދި ނުލިބޭ ކަމަށެވެ. އަދި ސަރުކާރުން ހުށައަޅާފައިވާ ޕްލޭނަށް ބަދަލު ގެނައުމަށް ކުރަން ޖެހުނު ހުރިހާ ކަމެއްވެސް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މޭޔަރު ވިދާޅުވީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަންޒިލަކަށް ގުޅިފަޅު ހެދުމަށް އެ ކައުންސިލްގެ 2 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށާ އެ ނިންމުމުގެ ދަށުން މަސައްކަތް ފެށިފައިވާ ކަމަށެވެ.

30،000 ރައްޔިތުންނަށް ގެދޮރު ލިބޭނެހެން ގުޅީފަޅު ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެގޮތަށް ޕްލޭން އޮއްވައި ގުޅީފަޅު ހިއްކުމާ ބެހޭ އީއައިއޭ ކޮންސަލްޓެންޓު ހިމެނޭހެން ޕްލޭނިން މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލުގެ މެންބަރުންނާއެކު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށާއި މިހާރު އޮތް ގޮތަށް އެތަން ހިއްކަން ކައުންސިލުގެ ތާއީދު ނެތްކަމަށް އެ ބައްދަލުވުމުގައި ދަންނަވާފައި ވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ގުޅީފަޅު މައްސަލަ ބަދަލު ކުރުމުގައި އެއްވެސް އަލިމަގެއް ނުފެނިއްޖެނަމަ އަދި މާލެ ރައްޔިތުންގެ ހައްގުގައި ކޯޓަށް ދިޔުމަށް އެ ކައުންސިލް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައި ވާނޭ ކަމަށެވެ. އަދި އެހިސާބަށް ދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާ، ނަމަވެސް އެހިސާބަށް ދާން ޖެހިއްޖެ ހާލަތެއްގައި އެކަން ކޮށްގެންވެސް މާލެ ރައްޔިތުންނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.