241 ކޮމިޓީން ހިންގާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ވިޔަ ނުދޭން މަސައްކަތްކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހަށް އެކި ފަރާތްތަކުން ހާޒިރު ކުރަމުންދާއިރު، ސިފައިންގެ ތެރެއިން 40 މީހެއް ހާޒިރު ކުރުމަށް ވެސް މަޖިލީހުން ވަނީ ނިންމާައެވެ. ނަމަވެސް ވަކިވަކި ސިފައިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ވަނީ ސިޓީ ފޮނުވާފައެވެ.

ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ސިޓީ ފޮނުވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ހުރުމަތާއި ގަދަރަށް އުނިކަމެއް ގެނެސްފައިވާކަމަށްބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމިޓީއަށްވަނީ ފޮނުވާފައެވެ. ނަމަވެސް އެ ކޮމިޓީން މި މައްސަލަ ރޭ ވަނީ ބޭރުކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ ފަރާތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕްގައި ކުރެއްވި މެސެޖެއް ވިދާޅުވެފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަނުދޭޏް މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށެވެ.

މިއީ ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ، ކޮން ކަމެއްތޯ ސިއްރުކުރައްވަން ތިިޔަ އުޅުއްވަނީ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ޒަމީލުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލުމުގައި އިސްކޮށް ހުންނެވީ ރައީސް ސޯލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ތުހުމަތު ކުރައްވައެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގައި ބިގޭ ޓެގްކުރައްވާ މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވެސް ވަނީ ހޫނު ރައްދެއް ދެއްވާފައެވެ. އީވާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް ބިގޭ މަސައްކަތް ނުކުރުމަށް އެދިފައެވެ.

ހަމަ ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،
އިވާ އަބްދުﷲ

ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީން ކުރާ ކަންކަން ކޮންމެ ފަހަރަކު ވެސް ގޯސް ކުރަން ބިގޭ އުޅުއްވަނީ ކީއްވެގެންތޯ އީވާ ވަނީ ބިގޭ އާ ސުވާލު ކުރައްވާފައެވެ. އަދި ރައީސް ނަޝީދުގެ ހާލަތާމެދު ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ވެސް އީވާ ސުވާލުކުރައްވާފައި ވެއެވެ.

އީވާ ވަނީ ސަރުކާރަށް މިހާރު ތާއީދު ނުކުރާކަން ދޭހަވާ މޭރުމަކުން އެމްޑީޕީ ގައުމީ މަޖިލިސް ތެރޭގައި ވާހަކަ ދައްކަވާފައެވެ.

މާތްކަލާކޯ މީ ވާ ސަރުކާރެއް
އީވާ އަބްދުﷲ

ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ޖޫން 5، ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ 241 ކޮމިޓީއަށް އެކި ފަރާތްތައް ވަނީ ހާޒިރުކޮށްފައެވެ. އެގޮތުން އިއްޔެ ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.