ނަފްރަތުގެ އަމަލު ހިންގުމުގެ ގާނޫނަށް ގެނައުމަށް ހުށައަޅާފައިވާ އިސްލާހަކީ ދީނީ ހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް ފަރުމާކޮށްފައިވާ ގާނޫނެއް ކަމަށް ސަލަފުން ބުނެފިއެވެ.

ސަލަފުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ މޭ 26، 2021 ގައި ރައްޔިތުން މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދީނީހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް ފަރުމާކޮށްފައިވާ ގާނޫނެއް ކަމަށެވެ. އަދި ސަރުކާރުން ހުށައަޅާފައިވަނީ ނުރައްކާތެރި ބިލެއްކަމަށާ ދީނީ ނަސޭހަތް ދިނުމުގެ މައިދާނަށް އޭގެ ސަބަބުން ހުރަސްއެޅިގެންދާނެކަމަށްވެސް ސަލަފުން ބުނެއެވެ.

މި ބިލް ހުށައެލުމުގައި "އިސްލާމަކަށް ކާފަރު" ކިޔުން މަނާކުރާ ބިލުގެ ނަމުގައި އިސްތިހާރުކޮށްފައިވަނީ އާންމު ރައްޔިތުންނަށް ބިލުގެ އަސްލު މަގުސަދާ ހަގީގަތް އޮޅުވާލުމަށް ކަމަށާ މި ބިލުގެ ސަބަބުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާލުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅޭނެކަމުގައިވެސް ސަލަފުން ބުނެއެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ. ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތު އުފެއްދުމުގެ ކުށެއް ގޮތުގައި އިތުރަށް ހިމަނާފައި ވަނީ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި ސިޔާސީ ވިސްނުމަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެކަމަށް ރޭވުމެވެ. އޭގެ އިތުރުން މީހެއްގެ ނަސްލަށް، ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދޭން ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.