ބޭންކް އޮފް މޯލްޑިވްސް އިން ކާޑު ސިސްޓަމް އަޕްގްރޭޑްކުރަން ނިންމައިފިއެވެ.

ބޭންކު ކާޑުގެ ސިސްޓަމް އަޕްގްރޭޑްކުރަން ނިންމާފައިވަނީ ޖޫން 3 ވާ ބުރާސްފަތި ދުވަހުގެރޭ 10:00 އިން ފެށިގެން ޖޫން 4 ވާ ހުކުރު ދުވަހުގެ ހެނދުނު 09:00 އާ ހަމައަށެވެ.

އަޕްގްރޭޑް ކުރިޔަށްދާއިރު ކާޑު ބޭނުންކޮށްގެން ކުރާ މުހިންމު މުއާމަލާތެއް ކުރަން ޖެހޭނަމަ އެ މުއާމަލާތެއް ކުރިން ނިންމުމަށް ބީއެމްއެލް އިން އެދިފައިވެއެވެ.

އެގޮތުން އަޕްގްރޭޑް ކުރިޔަށްދާ ވަގުތަކީ ހޮޓަލަކުން ޗެކް-އައުޓްވެ ފައިސާ ދައްކަން ޖެހޭވަގުތަކަށް ވާނަމަ އަވަހަށް ފައިސާ ދައްކާ ނިންމުމަށާ، އަޕްގްރޭޑް ކުރިޔަށްދާ ވަގުތަކީ ރާއްޖޭން ބޭރުގެ މުއާމަލާތެއް ކުރަންޖެހޭ ވަގުތެއްނަމަ އެ މުއާމަލާތެއް ކުރިން ނިންމުމަށް ބީއެމްއެލް އިން އެދިފައިވެއެވެ. އަދި އޮންލައިންކޮށް ފައިސާ ދައްކަން ޖެހޭ ސުންގަނޑި ހަމަވާ މުއާމަލާތެއްވާނަމަވެސް އަޕްގްރޭޑް ކުރަންފެށުމުގެ ކުރިން އެ ފައިސާ ދައްކާ ނިންމުމަށްވެސް ބީއެމްއެލް އިން އެދެއެވެ.

އަޕްގްރޭޑް ކުރިޔަށްދާ ވަގުތު އިންޓާނެޓް އަދި މޯބައިލް ބޭންކިންގެ ހިދުމަތް ބޭނުންކުރެވޭނެއެވެ.

ބީއެމްއެލް އިން ބުނީ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ ވަގުތު ކަނޑައެޅިައި ވަނީ ކަސްޓަމަރުންނަށް ވީހާވެސް ދަތިތަކާ ދިމާނުވާނެ ގޮތަށް ކަމަށެވެ.