ކިޔެވުމަށާއި އެނޫންވެސް ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ މެލޭޝިއާ ލޮކްޑައުން ކުރާކަން އިއުލާން ކޮށްފިއެވެ.

އެގައުމުގެ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ އަންނަ މަހުގެ 1 އިން 14 އަށް މުޅި ގައުމު އެއްކޮށް ލޮކްޑައުން ކުރާނެ ކަމަށެވެ.

އެ މުއްދަތުގައި ހާއްސަ އިސްތިސްނާއެއް ދެނީ ތަފާތު އެކި ހިދުމަތްތައް ދޭ ދާއިރާތަކަށާއި، އިގުތިސޯދީ މަސައްކަތްތަކަށް އެކަންޏެވެ.

މެލޭޝިއާއިން މި ފިޔަވަޅުތައް އަޅަން ނިންމީ، ކޮވިޑްގެ ހާލަތު ގޯސްވެ ޕޮޒިޓިވް ވާ ނިސްބަތް، އެގައުމުން ހިފަހައްޓަމުން އައި މިންގަނޑަށް ވުރެ މައްޗަށް ދިއުމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން މިއަދު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 8000 އަށް އަރާފައެވެ. އަދި މިއާއެކު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 70،000 އިން މައްޗަށް އަރާފައެވެ. މެލޭޝިއާގައި ކޮވިޑް ޖެހިގެން މިހާތަނަށް 2552 މީހަކު މަރުވެފައި ވާ އިރު، އެ ގައުމުން ކޮވިޑް ފެނުނު ފަހުން 549,514 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މެލޭޝިއާގެ ޕްރައިމް މިނިސްޓާ އޮފީހާ ހަލާދީ ހަބަރުތައް ބުނަ ގޮތުން، ލޮކްޑައުންގެ އާ ހާލަތުގައި ދަތުރު ފަތުރާއި އެނޫންވެސް ކަންކަމުގައި އެއްތަނުން އަނެއްތަނަށް ދިއުންވެސް ކޮންޓްރޯލް ކުރާނެއެވެ. އަދި މަސައްކަތުގައި އުޅޭ އިރު ގައިދުރުކަން ބަހައްޓާތޯވެސް ބަލާނެއެވެ.

މެލޭޝިއާއިން ކޮވިޑްގެ އާ ވޭރިއަންޓް ފެނިފައި ވާ އިރު، އެ ގައުމުން އަޅާ އާ ފިޔަވަޅުތަކަކީ، ކޮވިޑަށް ފަރުވާ ދިނުމުގައި ސިއްހީ ދާއިރާއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކެވެ.

މެލޭޝިއާގައި ކޮވިޑާ ހެދި މީގެ ކުރިންވެސް ލޮކްޑައުން ކުރިއެވެ. އޭރު އެއް ސިޓީން އަނެއް ސިޓީއަށް ދިއުން މަނާ ކުރުމުގެ އިތުރުން ޓެކްސީގައި 2 މީހުންނަށް ވުރެ އިތުރަށް އުފުލާ ފަރާތްތަކާއި މާސްކް ނާޅާ އުޅޭ ފަރާތްތައް 1000 ރިންގެޓުން ޖޫރިމަނާ ކުރުންފަދަ ފިޔަވަޅުތައް ތަންފީޒު ކުރިއެވެ.

މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި ކިޔަވާ، ވަޒީފާވެސް އަދާ ކުރާ ގައުމުކެވެ.