ހުޅުމާލެ ފޭސް 1 ގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސް 2 ސަރަހައްދެއްގައި އިމާރާތް ކުރުމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 2 ކުންފުންޏަކަށް ހަވާލުކޮށްފިއެވެ.
މި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސް އިމާރާތް ކުރަން ނިންމާފައި ވަނީ ހުޅުމާލެ ފޭސް 1 ޕްލޮޓް ނަންބަރު S1/1 ގެ އިތުރުން ހުޅުމާލެ ފޭސް 1 ޕްލޮޓް ނަންބަރު S4/1 ގައެވެ.
މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ކުރަމުން ދާ މަސައްކަތްތަކުގެ ތެރެއިން އާރްއެފްޕީއަށް ހުޅުވާލި ޕްރޮޖެކްޓް ތަކެއް ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެ ފޭސް 1 ޕްލޮޓް ނަންބަރު S1/1 ގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސް އެއް އިމާރާތްކޮށް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއެވެ. ޖުމްލަ 24،098.22 އަކަފޫޓު ހުންނަ މި ބިމުގައި 116 ޔުނިޓް އިމާރާތް ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން އިތުރަށް ބުނެފައި ވަނީ މި ޔުނިޓް ތަކުގެ ތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި އެންމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1،800 ދިވެހި ރުފިޔާ ނެގުމަށް ކަނޑައެޅިފައި ވާ ޔުނިޓް ތަކެއް ކަމަށާ، ބާކީ 38 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައަޅާފައި ވާ ޔުނިޓްތަކެއް ކަމަށެވެ.
ހުޅުމާލެ ފޭސް 1 ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 2 ވަނަ ރެސިޑެންޝަލް ކޮމްޕްލެކްސް ޕްލޮޓް ނަންބަރު S4/1 ގައި އިމާރާތްކޮށް ވިއްކުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައި ވާކަމަށް އެޗްޑީސީން ބުނެއެވެ. ޖުމްލަ 26،969.06 އަކަފޫޓު ހުންނަ މި ބިމުގައި 103 ޔުނިޓް އިމާރާތް ކުރުމަށް ނިންމާފައި ވާކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބުނީ މި ޔުނިޓްތަކުގެ ތެރެއިން 61 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި އެންމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް ޖީއެސްޓީއާ ނުލައި 1،987.23 ދިވެހި ރުފިޔާ ނެގުމަށް ކަނޑައެޅިފައިވާ ޔުނިޓްތައް ކަމަށާ، ބާކީ 42 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައަޅާފައި ވާ ޔުނިޓްތަކެއް ކަމަށެވެ.
މި 2 މަޝްރޫއުވެސް ޑީޓެއިލް ކުރެހުން ފާސްވާ ދުވަހުން ފެށިގެން 36 މަސްދުވަހުގެ ތެރޭ ނިންމުމަށް ހަމަޖެހިފައި ވާކަމަށް އެޗްޑީސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ދަނީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހުޅުމާލޭގައި ހިންގަމުންނެވެ.