ހިޔާ ފްލެޓްތަކުގެ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތައް ބަހާލައިގެން ދެއްކޭނެ ކަމުގައި ހައުސިން ޑެވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑިސީން ބުނީ ފުލެޓުތަކަށް ފައިސާ ދައްކާގޮތައް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތައް ބަހާލައިގެން، އިންސްޓޯލްމަންޓްގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ ގޮތައް ކަމަށެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައިނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ފުލެޓަށް ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮތް ކަމަށާ ޑައުން ޕޭމަންޓްގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށްވެސް އެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. އަދި ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކާ ފައިސާ ފްލެޓުގެ ޖުމުލަ އަގުން އުނިކޮށް، މަހުކުލި މިއަގާ އެއްގޮތައް ކުޑަކުރެވޭނެކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 3 މަސްދުވަސް ވަންދެން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ މުއްދަތެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދިހަމައެހެންމެ ފުލެޓް މެނޭޖްމަންޓް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000 ރުފިޔާ ނެގުމަށްވެސް ހަމަޖެހިފައިވެއެވެ.

ހިޔާ ފްލެޓްގެ ގޮތުގައި 6،720 ފްލެޓް ދޫކުރަން ނިންމާފައިވާއިރު މި ފްލެޓްތަކުގެ ގުރުއަތުލުމުގެ ކަންކަން ނިމިފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. ގުރުއަތުލުން ކުރިޔަށްގެންގޮސްފައިވަނީ އޭޕްރިލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 4 ވަނަ ދުވަހާ ހަމައަށެވެ.