ރޭ ފަތިހު މއ. މޯނިންވިއުގެ 3 ވަނަ ފަންގިފިލާގައި އަލިފާން ރޯވެ 5 އާއިލާއެއް ހާލުގައި ޖެހިއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 5 އާއިލާއަކަށް ގިޔާސުއްދީން ސްކޫލުގައި ވަގުތީގޮތުން ތިބެވޭނެގޮތް ހަމަޖައްސައިދީފައިވާނޭ ކަމަށެވެ. އަދި 5 އާއިލާއިން 29 މީހަކަށް އެހީ ފޯރުކޮށްދީފައިވާނޭ ކަމަށާ މިހާރު މަސައްކަތްކުރަނީ ވަގުތީ ހިޔާއަކަށް ބަދަލުކުރަންކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

މިއަލިފާންގަނޑު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިއު ޓީމުން ނިންވާލައިފައިވަނީ ހެނދުނު 06:10 ހާއިރުއެވެ.

މއ.މޯނިންގްވިއުގެ ތިން ވަނަ ފަންގިފިލާގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު/ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ބުނީ ރޭ ފަތިހު 05:10 ހާއިރު މއ. މޯނިންވިއުގެ 3 ވަނަ ފަންގިފިލާގައި ރޯވިކަމުގެ ރިޕޯޓް ކޮށްފައިވާކަމަށެވެ. ރޯވެފައިވަނީ އިމާރާތުގެ 3 ވަނަ ފަންގިފިލާގައި ހަދާފައިވާ ޓިނުގަނޑެއްގެ ތެރެއިންނެވެ. އަލިފާން ރޯވުމުގެ ސަބަބުން މއ. މޯނިންވިއުގެ 2 ފަންގިފިލާއެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.