ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ގުޅިގެން އެމަނިކުފާނުގެ ހާލުކޮޅާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތައް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދޮގު ކުރައްވައިފިއެވެ.

އިމްރާން ވަނީ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިމަހު 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާ ގުޅިގެން ރައީސް ނަޝީދުގެ ފުރާނަފަޅަށް ގެއްލުމެއް ލިބިވަޑައިގަންނަވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވެސް އިމްރާން އެހެން ވިދާޅުވިއިރު ރައީސް ނަޝީދަށް ހަމަލާދިން ރޭ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅަށް އޮޅުންފިލުވުމަކާއި ނުލައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވީ ކީއްވެގެންތޯ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ސުވާލު ކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން ވާހަކަ ދެއްކެވީ އޭޑީކޭގެ ޑޮކްޓަރުންނާއި ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން ހިއްސާ ކުރެއްވި މައުލޫމާތަށް ބަލައިގެން ކަމަށެވެ.

އިމްރާން އެހެން ވިދާޅުވުމާ ގުޅިގެން އީވާ ވިދާޅުވީ ރައީސް ނަޝީދު އޭޑީކޭއަށް ގެންދިއުމަށް ފަހު 20 ގަޑިއިރު ސާޖަރީތަކެއް ހެދިއިރު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު އެންމެ ގާތުން ބެއްލެވި އެއް ފަރާތަކީ އެކަމަނާ ކަމަށެވެ.

އޭގެ އިތުރުން ރައީސް ނަޝީދުގެ ހާލުކޮޅު ހުރި ގޮތާއި ގުޅޭ ގޮތުން ޑޮކްޓަރުން ހިއްސާ ކުރެއްވި މައުލޫމާތު އެނގިވަޑައިގަންނަވާ ކަމަށާއި ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް ޑޮކްޓަރުން އަދި އާއިލާއިން ވެސް ވިދާޅުވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް އީވާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އިމްރާން ވިދާޅުވީ ރައީސް ނަޝީދަށް ފުރާނަފުޅަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފާ ނުވާ ކަމަށެވެ.