ރޭ މާލެއިން ހައްޔަރު ކުރި ހަރުކަށި ފިކުރުގެ އަބްދުﷲ އަލީ މަނިކުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ، ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާއަކީ އުމުރުން 49 އަހަރުގެ މީހެއް ކަމަށެވެ.
އޭނާ ކަކީ މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މީހެކެވެ. ކުރިން އޭނާ ހައްޔަރު ކޮށްފައި ވަނީ 2007 ވަނަ އަހަރު ތެރޭ އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމުގެ ތެރެއިންނެވެ. އެފަހަރު އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާއަށް ކުށް ސާބިތުވެ ވަނީ 10 އަހަރަށް ޖަލަށް ލާފައެވެ. އެއަށް ފަހު އޭނާ ޖަލުން ދެފަހަރަށް ފިލައިގެން ގޮސްފައިވެސް ވެއެވެ. ނަމަވެސް ފަހުން އޭނާ ހައްޔަރު ކުރީ ސިފަ ބަދަލުކޮށްގެން އުޅެނިކޮށެވެ.
ހއ. މޮޅަދުއަށް ނިސްބަތްވާ އަބްދުﷲ އަލީ މަނިކަކީ ޕާކިސްތާނުން ކިޔައިވައިގެން އައި މީހެކެވެ. އޭގެ ފަހުން ވަނީ ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ރ. އަތޮޅުގެ ރަށްރަށް ހަރުކަށި ފިކުރު ފެތުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. ރ. މަޑުއްވަރީން ފެށުނު ހަރުކަށި ފިކުރުގެ ކުޅިގަނޑާއެކު ތިލަ ވެގެން އައި ލަނޑާ ނަގާ ދޯނީގައި ހަމަލާދިން ހައްމާދަކީ އޭނާއަށް ބަފާބެ ކިޔާ މީހެކެވެ. އެހެންކަމުން އެ މައްސަލައިގައި ހިމެނޭ ހައްމާދު ކައިވެނިކޮށްގެން އުޅޭ 13 އަހަރުގެ ކުއްޖާގެ މައްސަލައާ ވެސް އަބްދުﷲ އާ ވަރަށް ބޮޑު ގުޅުމެއް އޮވެއެވެ. އަބްދުﷲ އަކީ އެ 13 އަހަރު ކުއްޖާގެ ބައްޕައެވެ.
އެ ކުއްޖާ އެންމެ ފުރަތަމަ ކައިވެންޏެއް ކޮށްފައި ވަނީ އުމުރުން 9 އަހަރުގައެވެ. އެއަށް ފަހު ހައްމާދާ ކުރި ކައިވެންޏަކީ އެ ކުއްޖާގެ 3 ވަނަ ކައިވެނި ކަމަށް މައުލޫމާތު ލިބެއެވެ.
ހިތާމަޔާއެކު ދަށްނަވަން ޖެހެނީ ތިފަދަމީހުން މުޖުތަމަޢު ތެރެއްދޫވެފަތިބޭނީކީވެގެންތޯ .....