މީގެ އަހަރެއް ކުރިން ތ. ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި އެ ރަށުން ހައްޔަރުކުރި އަށް މީހުންގެ ތެރޭގައި ހިމެނޭ އަލީ މުނީޒުގެ ދިފާއުގައި ކައުންސިލުން ތެދުވުމުން ޕީޖީ ހުސައިން ޝަމީމު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޝަމީމު ވިދާޅުވީ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހަކު މިނިވަންކޮށްދިނުމަށް އެދި މިދިޔަ ހަފްތާގައި ކައުންސިލަކުން ޕީޖީ އޮފީހަށް ސިޓީއެއް ފޮނުވި ކަމަށެވެ. އެއީ ކޮން މައްސަލައެއް ކަމެއް އަދި ކާކުގެ ވާހަކައެއް ކަމެއް ޝަމީމް ވިދާޅުނުވި ނަމަވެސް އެއީ ތިމަރަފުށި ހަރުކަށި ފިކުރުގެ ބަޔަކު އައިއީޑީއެއް ބޭނުންކޮށްގެން އެ ރަށު ސްކޫލެއް ގޮއްވާލަން އުޅޭ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން ހައްޔަރުކުރި މުނީޒުގެ ވާހަކަކަން "ދަ ޕްރެސް" އަށް ވަނީ ކަށަވަރުވެފައެވެ.
ޝަމީމް ވިދާޅުވީ މުޅި ރަށުގެ ހުރިހާ އެންމެންނާ ގުޅިގެން، ޒުވާނުންނާ ގުޅިގެން ޕްރޮގްރާމް ހިންގައި ކުޑަކުދިންނާ އެއްކޮށް ޕްރޮގްރާމް ހިންގައި ވަރަށް ރަނގަޅު އިންސާނެއް ކަމަށާއި އޭނާ އަކީ މުޅި ގައުމަށް އަދި މުޖުމަތައުއަށް ފައިދާ ހުރި މީހެއް ކަމަށް ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އޭނާ ބަންދުގައި ހުރުމުން ވަރަށް ދެރަވާ ކަމަށާއި ދޫކޮށްލަންވެސް ކައުންސިލުން އެދިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޓެރަރިސްޓް ހަރަކާތެއް ހިންގިކަމަށް ތުހުމަތުކޮށްފައިވާއިރު އެ މައްސަލާގައި ހެކި ހުރި ކަމަށާއި ރަށު ކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކުރައްވާ ސިޓީ ހުށަހެޅުމުން އެލްޖީއޭގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އެ ސިޓީ ކައުންސިލުން ހުށަހެޅީ މުނީޒްގެ އާއިލާގެ އެދުމުގެ މަތިން ބަލި ހާލު ހުރިގޮތުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މުނީޒަކީ މީގެ ކުރިންވެސް ގޮހޮރުގެ މައްސަލަ ހުރި މީހެއް ކަމަށާއި ބަލި ހާލަތު ބޮޑުވެ ބަރުދަނަށްވެސް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އަދި މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކޯޓުން ވަނީ 100 ދުވަހަށް ބޭސްފަރުވާއަށް މާލެއިން ބޭރަށް ނުދެވޭނެ ހެން ޝަރުތުތަކާއެކު ދޫވެސްކޮށްލާފައެވެ.
މަޖުލީހުގެ ރައީސް ހިސާނަށް އަންގައިގެން ބައެއް މައްސަލަތައް ހިންދާފަ އެބަހުރި