މާފުށީ ޖަލުގައި ތިބޭ ގައިދީންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ބަޔަކު ހަރަކާތްތެރިވަމުން އަންނަ އިރު އެ މީހުންގެ ތެރޭގައި އާމީރުން ތިބޭ ކަމާއި އެ ފިކުރަށް ވަންނަ މީހުންނަށް ފަންޑު ކުރަމުން އަންނަ ކަން ހާމަ ވެއްޖެއެވެ.

މިކަން ހާމަމޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން، ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރު ބެލުމަށް ފަހު އާންމު ކުރި ދިރާސާ ރިޕޯޓުގައެވެ. އިއްޔެ އާންމު ކުރި އެ ރިޕޯޓުގައި ބުނާ ގޮތުގައި މާފުށީ ޖަލާއި އެހެން ކޮންމެ ޖަލެއްގައި ވެސް ހައްދުފަހަނައަޅައި ދިއުމުގެ ފިކުރު ފެތުރުމުގައި އިސްކޮށް އަމީރެއް ހުރެއެވެ. އޭގެ އިތުރުން ހައްދުފަހަނައަޅާފައި ވާ ސެލް ނުވަތަ އައްޑާގައި "ޝޫރާ ކައުންސިލެއް" (އިސްލާމީ ފަނޑިޔާރުން ކަމަށް ބުނެ ހަދާފައިވާ ޕެނަލްއެއް) އޮންނަ ކަމަށާއި އެ ކައުންސިލުން ބައެއް ގައިދީންނަށް އަދަބު ދީ ހަދާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

ރާއްޖޭގެ ޖަލުތަކުގައި ހައްދުފަހަނައަޅައި ދިޔުމުގެ ކަންކަން ހިނގައި ގޮތާއި އެކަމަށް މަގުފަހިވާ ސަބަބުތައް ދެނެގަތުމަށް ހެދި މި ދިރާސާ އަށް އިންޓަވިއު ނެގި ގައިދީންގެ ތެރޭގައި ހިމެނެނީ މާފުށީ ހައި ސެކިއުރިޓީ ޖަލުގައި މިހާރު ތިބި 20 ގައިދީންނާއި، އެތަނުގެ ސްޓާފުންނާއި، ކުރިން މާފުށީ ޖަލުގެ ގައިދީއެއްގެ ގޮތުގައި ހުރުމަށް ފަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ރިހެބިލިޓޭޝަންގައި ހުރި މީހެކެވެ. މީގެ ތެރެއިން ޖަލުގައި ތިބި 20 ގައިދީންގެ ތެރޭގައި ހިމެނެނީ 17 ފިރިހެނުންނާއި ތިން އަންހެނުން ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

ޖަލު ތެރޭގައި އަމީރެއް ހުރެ، ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ މީހުން، އެމީހުން ފަތުރުރަމުން ދާ ފިކުރާ ދެކޮޅު ހަދައި ނުވަތަ އެކަމާ މެދު ސުވާލު އުފައްދާ ބަޔަކު ތިބެއްޖެ ނަމަ އެމީހުންނަށް ހަމަލާ ދޭން ބަޔަކު ފޮނުވައެވެ. އަދި އެފަދަ ހަމަލާ ދީ ހަދަނީ އެމީހުންނަށް ދޭ އަދަބެއްގެ ގޮތުގައި ކަމަށް އިންޓަވިއު ދިން ބައެއް ގައިދީން ވަނީ ބުނެފައެވެ.

ޖަލުގައި ހަރުކަށި ފިކުރު އޮތް ގޮތް ބަލަން ހެދި ދިރާސާގެ އުސް އަލިތައް / ދް ޕްރެސް ގްރެފިކްސް

އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ޖަލުގައި އެކި ކުށްތަކުގެ މައްސަލަތަކުގައި ކުށް ސާބިތުވެ ވައްދާފައި ތިބޭ ގައިދީންގެ ތެރެއިން، ބައެއް މީހުންނަށް ދީނީ ގޮތުން ހުރި ކަންކަން އޮޅުން ފިލުވައިދޭން އެ ފިކުރުގެ މީހުން މަސައްކަތް ކުރެއެވެ. ހަމައެއާއެކު ދިގު މުއްދަތަށް ޖަލަށް ލާފައި ތިބި މީހުންގެ ތެރެއިން އުންމީދު ގެއްލިފައި ތިބި މީހުންނާ، ހަރުކަށި ފިކުރުގެ އަމީރުން ގޮސް ބައްދަލުކޮށް އެމީހުންގެ "ބްރެއިން ވޮޝް" ކުރަން މަސައްކަތް ކުރާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތަކުގެ މައްސަލައިގައި ޖަލަށް ވައްދާފައި ތިބި ގައިދީންނަށް ދީނީ ކަންކަން ދަސްކޮށްދޭނެ ކަމަށާއި އެމީހުން ކުރި ކުށްތަކަށް ތައުބާ ވެ އެ ފިކުރަށް ވަދެ ޖިހާދަށް ދިއުމަކީ އެމީހުންނަށް ދިނީ ގޮތުން މަތީ ދަރަޖައެއް ހާސިލް ކުރެވޭނެ ކަމެއްގެ ގޮތުގައި ވިސްނައި ދެއެވެ.

ހަމައެއާއެކު އެމީހުންގެ ފިކުރަށް ތަބާ ނުވާ މީހުންނަކީ ކާފަރުން ކަމަށް އެމީހުންނަށް ވިސްނައި ދެއެވެ. އެހެންކަމުން އެމީހުން ކުރި ކުށުގެ އަދަބު ހަމަވެ މިނވަން ވުމުން އަނބުރާ މުޖުތަމައު އަށް ނިކުމެ އެ ކުށްތައް ކުރާ މީހުންނާ އެކު އުޅެވިދާނެ ކަމަށް ވެސް ގައިދީންނަށް ވިސްނައި ދެއެވެ. އެ ގޮތުން އެފަދަ ކުށްކުރާ މީހުންނަކީ ކާފަރުން ކަމަށާއި އެ ފަދަ މީހުންގެ އަތުން ލޫޓުވާ ވައްކަން ކުރެވިދާނެ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން ދިވެހި ދައުލަތަކީ ދީނާ ހިލާފު ދައުލަތެއް ކަމަށް އެމީހުން ވަކާލާތު ކުރާ ކަމަށާއި އެ މީހުންނަކީ ވެސް ހަނގުރާމައިގެ ތެރެއިން ބޭއިންސާފުން ޖަލަށްލާފައި ތިބި ބައެއް ކަމަށް އެ މީހުން ގަބޫލު ކުރާ ކަމަށް ބުނެއެވެ. އެ މީހުންނަކީ ދިވެހި ދައުލަތާ ހަނގުރާމަ އިއުލާންކޮށް ޖިހާދު ކުރަން ތައްޔާރަށް ތިބި މީހުން ކަމަށް ބުނެއެވެ. ހަމައެއާއެކު އެމީހުންނަށް ދީނީ ގޮތުން މަތީ ދަރަަޖައެއް ލިބެން އޮތް ގޮތަކީ ޖިހާދަށް ދިއުން ކަމުގައި އެމީހުންނަށް ވިސްނައިދީ އެ މަގަށް އެ މީހުންގެ ހިތް ޖެއްސުވުމަށް އެތަނުގައި މި ބުނާ ހަރުކަށި ފިކުރު ފަތުރާ މީހުން މަސައްކަތް ކުރާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.

އެތަނުގައި ހަރުކަށި ފިކުރު ފަތުރާ މީހުން ގުޅިފައި އޮންނަނީ ސީރިއާގެ އައިސިސް އާއި ނުސްރާ ޖަމާއަތާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. އަދި އެމީހުން އެ ސެލްތަކުގައި ފޯނު ގެންގުޅޭ ކަމަށާއި ފޯނުން އެ ޖަމާއަަތުގެ މީހުންނާ މުއާމަލާތް ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން އެ ހަނގުރާމާގައި ބައިވެރިވުމަށް ފަހު ރާއްޖެ އައިސް މިހާރު ވެސް މިނިވަންކަމާއެކު ދިރިއުޅެމުން އަންނަ މީހުންނާ ވެސް ޖަލުގައި ތިބި ގައިދީން ބަރާބަރަށް ގުޅުން ބާއްވާ ކަން އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ހަރުކަށި ފެތުރުމުގައި ތިބޭ މީހުން ޖަލުން ބޭރުން މީހުންނާ މުއާމަލާތު ކުރާ އިރު އެމީހުންނަށް ބަޔަކު ފަންޑު ކުރާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ. އެގޮތުން އެމީހުންގެ ފިކުރާ ގުޅޭ އާ މެންބަރުންނަށް އިންޔާތްތައް ދޭ ކަމަށާއި ގައިދިންގެ އާއިލާތަކަށް ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ.