ޖަލުގައި ރޭ ހަމަނުޖެހުމެއް ހިނގި ކަމަށާއި، އެކަމާ ގުޅިގެން ރޭ ހޭލާ ހުންނަން ޖެހުނު ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޖަލުތަކުގައި ހަރުކަށި ފިކުރު އޮތް މިންވަރާ ގުޅޭ ގޮތުން އުނގޫފާޜު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި އިރު ވެސް ޖަލުތަކުގައި ހަރުކަށި ފިކުރުގެ މައްސަލަތައް ފާހަގަކުރެވުނު ކަމަށާއި، އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

އެގޮތުން، ހަރުކަށި ފިކުރުގެ މީހުންނާއި އެހެނިހެން ކުށްކުރާ މީހުން މިހާރު ވަކިކޮށް، ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ވަސީލަތްތައް ތަރައްގީކޮށް، އެ މީހުން އެސެސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު، ރޭގެ ވަގުތެއްގައި ޖަލުގައި ހަމަނުޖެހުމެއް ހިންގާފައިވާ ކަމަށް އިމްރާން ވިދާޅުވި ނަމަވެސް، އެކަމުގެ މާ ބޮޑު ތަފްސީލެއް ނުދެއްވައެވެ.

"އެފަދަ ފަރާތްތަކުގެ (ހަރުކަށި ފިކުރުގެ މީހުންގެ) ފަރާތުން ޖަލުގެ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް [އެބަހުރި]، ރޭގަ ވެސް އަޅުގަނޑުމެން ހަމަ ހޭލާ ތިބެން ޖެހޭ ފަދަ އެތައް ހާދިސާތަކެއް ދިމާވި،"

އިމްރާން ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުންގެ ސަބަބުން މުޅި ޖަލުގެ ނިޒާމަށް ބުރޫއަރާފައިވާ ކަމަށެވެ.

އެކަމުން އަރައިގަތުމަށްޓަކައި މާފުށީ ޖަލުގައި ސަލާމަތީގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ވިންގެއް ގާއިމްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެ ވިންގުގެ މަސައްކަތް އަންނަ ޖޫން ޖުލައި ހިސާބުގައި ނިންމާލެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އެ ވިންގު ގާއިމްކުރަނީ ސިންގަޕޫރު ފަދަ ތަންތަނުން މިސާލު ނަގައިގެން، މިހާރު ހުރި މާލީ ތަނަވަސްކަމަށް ބެލުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޭގެ ހަމަނުޖެހުމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލުކުރުމުން، ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ޔުސްރީން އަހްމަދު ވަނީ ރޭގެ ވަގުތެއްގައި ޖަލުގައި ހަމަނުޖެހުމެއް ހިނގިކަން ކަށަވަރުކޮށްދެއްވާފައެވެ. އެ ހަމަނުޖެހުންތަކުގައި ޖަލުގައި ހުރި ކެމެރާތަކަށް ގެއްލުން ލިބުނު ކަމަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަނުޖެހުން ކޮންޓްރޯލްކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ގައިދީން މިއަދު ތިބީ ދީނީ ހަރުކަށި ފިކުރުގައި ގައިދީން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރުގައި ޖެހިފައި ކަމަށެވެ. އަދި މަސްތުވާތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރާ ގައިދީންގެ ނުފޫޒު ވެސް ޖަލުގައި އެބައޮތް ކަން ވެސް ފާހަގަކުރެއްވިއެވެ

ހަމަ އެއާއެކު، ދީނި ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކުރުމަކީ އެ މައްސަލައަށް އޮތް އެކަނި ހައްލުނޫން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި، ހަރުކަށި ފިކުރުގެ ގައިދީން ރަނގަޅުކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގަން ޖެހެއެވެ.

"އެކަމަށްޓަކައި، 100 މީހުންގެ ޖާގައިގެ ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމްކޮށް، އެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން." ރައީސް ވިދާޅުވިއެވެ.