ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް ފޮރުވުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.
ނަޝީދު މި ފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގައި އައިސިސް އަދި އަލްގައިދާ ޖަމާއަތަށް ތާއީދު ކޮށް ޓެރަރިޒަމް އަށް ފައިނޭންސް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ކުންފުނިތައް ކަނޑައަޅައި އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމާ އެކަން އިއުލާނު ކުުރުމާ ގުޅިގެން އިނގިރޭސިބަހުން ޓްވީޓް ކުރައްވައެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައި އެ މައުލޫމާތު އެމެރިކާއިން އާންމު ކުރުމުން އެކަމާ ކަންބޮޑު ވެވަޑައިގަންނަވާ ކަމަށާއި ރައީސް ސޯލިހްގެ ސަރުކާރުން ހަރުކަށި ފިކުރާ ދެކޮޅަށް އެއްވެސް މަސައްކަތެއް ނުކޮށް ހަރުކަށި ފިކުރުގެ ހަރަކާތްތައް ހުއްޓުވުމުގެ ބަދަލުގައި ހަރުކަށި ފިކުރުގެ މީހުން ހިންގާ އަމަލުތައް ފޮރުވަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީ އިން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ 29 ކުންފުންޏަކާއި 20 މީހެއްގެ ނަން އާންމުކޮށް، އެމީހުންނަކީ ޓެރަރިޒަމަށް ފައިނޭންސް ކުރާ ބައެއްގެ ގޮތުގައި ތުހުމަތު ކޮށްފައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީ އިން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ 29 ކުންފުންޏަކާއި 20 މީހެއްގެ ނަން އާންމުކޮށް، އެމީހުންނަކީ ޓެރަރިޒަމަށް ފައިނޭންސް ކުރާ ބައެއްގެ ގޮތުގައި ތުހުމަތު ކޮށްފައެވެ.
އެމެރިކާއިން އާންމު ކުރި ލިސްޓުގައި ހިމެނޭ މީހުން
- އަބްދުﷲ އަލިމަނިކު
- މޫސާ އިނާސް
- އަބްދުﷲ ޝަރީފް
- ހުސެއިން ޝާމިލް
- އަހުމަދު މުބީން
- އަމީން އަހުމަދު
- ޔޫސުފް ޝަހީދު
- އަހުމަދު އަފްރާހު
- މުހައްމަދު މާތިއު އަބްދުލްރައްޒާގު
- އަހްމަދު އަގީލް
- އަލީ ޝިޔާމް
- މުހައްމަދު އަމީން
- ޖިނާއު ނަސީމް
- މުހައްމަދު ތަސްލީމް
- ފާރިސް މުހައްމަދު ދީދީ
- އަލީ ނިހާދު
- މުހައްމަދު ނައުޝާދު ޝަރީފް
- އަހުމަދު އާލިފް ރައުފް
- މުހައްމަދު އިންތިފް ރައުފް
- އިބްރާހިމް އަލީފް ރައުފް
އެ މީހުންގެ ތެރެއިން އަހްމަދު އަގީލް އާއި އަލީ ޝިޔާމްގެ ނަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ އެ މީހުންނަކީ އަލްގައިދާއަށް ތާއީދު ކުރާ ބައެއް ކަމަށެވެ. އަދި އެމީހުންނާ ގުޅުން ހުރި ކުންފުނިތަކުން ދިވެހިން ސީރިޔާ އަށް ފޮނުވުމާއި ބޭރުގެ އެ ހަނގުރާމަތަކަށް ދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދޭ ކަމަށެވެ. އެހެންކަމުން އެ މީހުންނާ ގުޅުން އޮތް 10 ކުންފުންޏަކަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެއެވެ.
އެމެރިކާއިން އާންމު ކުރި ލިސްޓުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރައި ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ކަމަށް ތުހުމަތު ކުރެވޭ، މުހައްމަދު އަމީން އާ ގުޅުން ހުރި ކުންފުނިތަކަކަކާއި ރާއްްޖޭގައި ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ތުހުމަތުކުރާ ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކު ވެސް ވަނީ ހިމަނާފައެވެ. ހަމައެއާއެކު އައްޑޫގައި ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމް ކުށްތައް ހިންގުމުގައި އިސްކޮށް އުޅޭ 5 މީހެއްގެ ނަން ވެސް ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ޖިނާއު ނަސީމް، މުހައްމަދު ތަސްލީމް، ފާރިސް މުހައްމަދު ދީދީ، އަލީ ނިހާދު އަދި މުހައްމަދު ނައުޝާދު ޝަރީފް އެވެ. އެމީހުންގެ ތެރެއިން ޖިނާހުއަކީ އައްޑޫގައި ހިންގާ ސެލްގެ އަމީރު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މާލޭގައި ހިންގާ ގޭންގްތަކުގެ ތެރެއިން ކުޑަ ހެންވޭރު ގްރޫޕްގެ ތިން މީހަކުވެސް އެ ލިސްޓުގައި ހިމެނެއެވެ. އަހުމަދު އާލިފް ރައުފް އާއި މުހައްމަދު އިންތިފް ރައުފް އަދި އިބްރާހިމް އަލީފް ރައުފް އަކީ ސީރިޔާގައި ތިބި ހަނގުރާމަވެރިންނަށް ފައިސާ ހޯދުމަށް ރާއްޖޭގައި އިންތިޒާމް ވެގެން ބޮޑެތި ވައްކަމާއި ފޭރުންތައް ހިންގާފައިވާ ބައެއް ކަމަށް އެ ބާޔަނުގައި ބުނެއެވެ.