މޫސުން ގޯސްވުމާ ގުޅިގެން ހއ. ހޯރަފުށީ އެއާޕޯޓަށް އުދަ އަރާ، ވަރަށް ބޮޑަށް ގެއްލުން ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ ތަކާއި ވީޑިއޯ ތަކުން ފެންނަ ގޮތުގައި މުޅި އެއާޕޯޓުގައި އޮތީ ފެން ބޮޑުވެފައެވެ. އެގޮތުން ރަންވޭ ވެސް އެއްކޮށް އޮތީ ފެނު އަޑީގައެވެ. އަދި އެއާޕޯޓާއި އެ ރަށާއި ދެމެދު އަޅާފައިވާ ކޯޒްވޭ އަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

ހޯރަފުށި އެއާޕޯޓުގައި ފެން ބޮޑުވެފައި / ފޮޓޯ: ސޯޝަލް މީޑިއާ

އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އިތުރުން ވައި ބާރުވުމުގެ ސަބަބުން އެއާޕޯޓުގެ ގިމަތައިގެ ދޮރުތައްވެސް ވެއްޓިފައި ވާއިރު، ލިބިފައިވާ ގެއްލުންތައް މަރާމާރު ކުރަން ބޮޑު ހަރަދެއް ދާނެ ކަމަށް ބެލެވެއެވެ.

އެކަމާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ހޯރަފުށީ އެއާޕޯޓުގެ ފުރަތަމަ އީއައިއޭ ހެދި ފަރާތުން އެއަޕޯޓް އަޅާ ސަރަހައްދު މާފިނޮޅު ނޫން އެހެން ސަރަހައްދަކަށް ބަދަލު ނުކުރުމަށް އެދުނު ކަމަށާއި އަދި މިހާރު އެއާޕޯޓު އޮތްތަނުގައި އެއާޕޯޓް އަޅާފިނަމަ މިމައްސަލަ ދިމާވާ ނެކަމަށް ލަފާދީފައިވާ ކަމަށެވެ.

https://www.facebook.com/100005511103823/videos/1529070443953311/

އޭގެ އިތުރުން މިހާރު އެއާޕޯޓު އަޅާފައިވާ ތަނުގައި އަޅާނަމަ ރަނގަޅު ފެންވަރުގެ ކޯޒްވޭއެއް ހެދުމަށާއި އެއާޕޯޓު ވަށާ ހިލަޖެހުމާއި އެއާޕޯޓު ފަސްގަނޑު އުސްކުރުމަށް ވެސް ލަފާ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހުރިހާ ކަމެއް ހޯރަފުށީ ކައުންސިލާއި މިއަދުގެ ސަރުކާރަށް ވަރަށް ރަނގަޅަށް އެނގިތިބެ ސިޔާސީ މަންފާއަށް ކަންކަން ކުރުމުގެ ނަތީޖާ ނުހަނު ހިތިވެފަ ދެރަ.
ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް
https://www.facebook.com/100005511103823/videos/1529070517286637/

މިދިޔަ އަހަރުގެ ނޮވެމްބަރު 19 ގައި ހުޅުވި މި އެއާޕޯޓު ހަދާފައި ވަނީ ފަހުން ބަދަލުގެނައި އީއައިއޭ އަކަށް ބިނާކޮށްކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. އަދި އެ އީއައިއޭވެސް ލިބިފައިވެއެވެ.

ރާއްޖެއަށް މި ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްތަކަށް އަންނަނީ ގެއްލުން ވަމުންނެވެ. އަދި އުދައެރުމުގެ ސަބަބުން ގިނަ ރަށްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން 4 - 8 ފޫޓު ހުންނާނެ ކަމަށެވެ.

ހުރިހާ އެންމެން ވެސް ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.