މާދަަމާއިން ފެށިގެން ހަވީރު 4 އިން ފަތިހު 4 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރި ވުމަށް އަޅަމުން ދާ ފިޔަވަޅުތަކުގެ ތެރެއިން މާދަމާއިން ފެށިގެން ކުރިއަށް އޮތް ދެ ހަފްތާއަށް މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާ ވާނެ ކަމަށެވެ.
މިހާރު މާލެ ސަރަހައްދުގައި ކާފިއު ހިންގަމުން އަންނަނީ ރޭގަނޑު 9:00 ން ފަތިހު 4:00 އެވެ. ކާފިއު ގަޑިތަކުގައި ބޭރުގައި އުޅެގެން 116 ފަރާތެއް ޖޫރިމަނާ ކޮށްފައި ވާއިރު އެގަޑިތަކުގައި ވެހިކަލް ދުއްވައިގެން 10 ފަރާތެއް ޖޫރިމަނާ ކޮށްފައި ވެއެވެ.
މީގެ އިތުރުން މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ. ޕޮލިސް ހުއްދައާއެކު މެންދަމު 12 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭއިރު، ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.
ހަރުކަށި ފިޔަވަޅު ތަކެއް އެޅުމަށް ނިންމާފައި ވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދާއިރު އިއްޔެ ވެސް ވަނީ 1204 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 37،019 އަށް އަރާފައެވެ. އަދި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 10،376 އަށް އަރާފައެވެ. މި ބަލިން 26،547 މީހުން ރަނގަޅު ވެފައި ވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ މީހުންގެ އަދަދު ވަނީ 244 އަށް އަރާފައެވެ. މި ބަލީގައި 87 މީހަކު ވަނީ މަރުވެފައެވެ.