އިހުތިރާމަކީ ފައިސާއަކުން އަގުނުކުރެވޭނެ، އަދި ކޮނޑުއަޅައިގެން ނުއުފުލޭނެ ފަދަ އަގުހުރި ހަދިޔާއެއް ކަމަށާއި، މުޖުތަމައެއްގެ ހަގީގީ ރޫހަކީ އަދަބާއި އަހުލާގު ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހީނާ ވިދާޅުވީ، ގައުމަކަށް ލިބޭނެ އެންމެ ބޮޑު މޮޅަކީ އެބައެއްގެ ކިބައިގައި ހުންނަ އަހުލާގީ މިންގަނޑުތައް ކަމަށެވެ. އަދި ތަހުޒީބުގެ އަސްލަކީ އުސް އިމާރާތްތަކާއި މަގުތައް ނޫން ކަމަށާއި، އެއީ މީހުންނާ މުއާމަލާތްކުރާ ރިވެތި ގޮތްތަކާއި އިންސާނީ ކަރާމާތް ގަބޫލުކުރުން ކަމަށް ފާހަގަކުރެއްވިއެވެ.

"އިހުތިރާމް ކުރުމުގެ މަތިވެރި އަސާސްތައް ފެށިގެން އަންނަނީ އަމިއްލަ ނަފްސައް ބާރުފޯރުވާއި އަނެކާގެ އިންސާނީ ކަރާމާތް ގަބޫލްކުރާ ހިސާބުން. އިހުތިރާމްއަކީ ފައިސާއިން އަގުނުކުރެވޭ ކޮނޑުއަޅައިގެން ނުއުފުލޭ ދުލުން ބަޔާން ނުކުރެވޭ، ހިސާބުން އަދަދު ނުކުރެވޭ ހަދިޔާއެއް"
ހީނާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި މި މަޝްރޫއަކީ އަންނަން އޮތް ޖީލުތަކަށްޓަކައި އިންސާނިއްޔަތުކަން ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ގައުމީ މަސައްކަތުގެ މައިގަނޑު އަމާޒަކީ ދިވެހިންގެ ތެރޭގައި އޮތް އިސްލާމީ ރިވެތި އާދަތައް ދިރުވައި، ހާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އެކަކު އަނެކަކަށް ގަދަރުކުރުމުގެ ސިފަ ހަރުދަނާކޮށް، އެކުވެރި މުޖުތަމައެއް ބިނާކުރުމެވެ.