ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް ކަމޭހިތުމާއި ގަދަރުކުރުމުގެ މާތް ސިފަ އަލުން އާލާކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

މިކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން، އެމަނިކުފާނު ވަނީ ހާއްސަ ބިނާއެއްގެ މަތީގައި އަލި ބޯޅައެއް ބަހައްޓަވައިދެއްވާފައެވެ. މީގެއިތުރުން މި ހަރަކާތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ރަސްމީ ނިޝާން ނުވަތަ ލޯގޯ ވެސް މި ހަފުލާގައި ވަނީ ދައްކާލާފައެވެ.

މި ކެމްޕޭނަކީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އަހުލާގީ ރިވެތި އާދަތައް ދެމެހެއްޓުމަށް ރައީސް ދެއްވާ ހާއްސަ ސަމާލުކަމުގެ ދަށުން ފެށި ހަރަކާތެކެވެ. މީގެ މައިގަނޑު އަމާޒަކީ ދިވެހި ކޮންމެ ފަރުދެއްގެ ހިތުގައި އަނެކާއަށް އިހުތިރާމު ކުރުމުގެ ވިސްނުން އަށަގެންނެވުމާއި، ހާއްސަކޮށް ޅަދަރިވަރުންނާއި ޒުވާނުން އެ މިސްރާބަށް ތަރުބިއްޔަތު ކުރުމެވެ.

ސަގާފަތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އެކި އިދާރާތަކާއި، އަމިއްލަ ޖަމިއްޔާތައް އަދި ސްކޫލު، ކޮލެޖުތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި މަޝްރޫއުގެ ރަސްމީ ލޯގޯ ހޮވާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތަކުންނެވެ. އެގޮތުން ލިބުނު 22 ހުށަހެޅުމުގެ ތެރެއިން ފަނޑިޔާރުން ހޮވި އެންމެ މޮޅު ފަރުމާތަކަށް އާންމުން ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލުމަށްފަހު، އެންމެ ގިނަ ތާއީދު ލިބުނު ފަރުމާ މިރޭ ވަނީ މި ގައުމީ ހަރަކާތުގެ މައި ސިފައެއްގެ ގޮތުގައި އިފުތިތާހުކޮށްފައެވެ.