ދިވެހި މުޖުތަމައަކީ ކަރާމާތާއި ގައުމީ ފަހުރު ނަގަހައްޓާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިހު ޒަމާނުގައި ދިވެހިންގެ ތެރޭގައި އާއިލާއާއި ރައްޓެހިންނާއި މުޅި މުޖުތަމައުގައިވެސް އެކަކު އަނެކަކަށް އިހުތިރާމް އަދާކުރުމުގެ ރިވެތި އާދަ ފެންނަމުން ދިޔަ ކަމަށެވެ. ވަގުތަށް ކަމޭހިތުމާއި ވަޒީފާގައި 50 އަހަރު ވޭތިކުރިއިރުވެސް ގަޑިނުޖެހޭ ފަރާތްތަކާއި، އަވަށްޓެރިންނަށް ހިތްހެޔޮކަން ބެހެއްޓުން ފަދަ މިސާލުތައް ދިވެހި މުޖުތަމައުގައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެން ދެއްކެވި ވާހަކަފުޅާ ގުޅުވައިލައްވައި ރައީސް ވިދާޅުވީ، ގައުމު ބިނާކުރުމުގެ އިތުރުން ދިވެހިންގެ ވިސްނުން ބިނާކުރުމަކީވެސް އަމާޒެއް ކަމަށެވެ. އަދި އިސްލާމީ އުސޫލުތަކުގެ މަތީގައި ތަހުޒީބީ މުޖުތަމައެއް ބިނާކުރުމުގެ ސިޔާސަތުގައި ދެމިހުންނެވި ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދިވެހިންގެ ރިވެތި އަހުލާގުގެ އަސްލަކީ އިސްލާމްދީނާއި ކީރިތި ގުރުއާނުގެ ތައުލީމާތެވެ. ސައްތައިން ސައްތަ އިސްލާމީ މި ގައުމުގައި އެކަކު އަނެކަކުގެ ލެޔާއި މުދަލާއި އިއްޒަތަށް އިހުތިރާމްކުރަން ޖެހޭކަން ފާހަގަކުރައްވަމުން، ފުރައްސާރަ ކުރުމާއި ޣީބަބުނުން ފަދަ ނުބައި އާދަތަކުން ދުރުވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ކޮންމެ ދިވެއްސަކުވެސް ކަނޑައަޅަންވީ އަޒުމަކީ ކާބަފައިންގެ ޝަރަފުވެރި އަދި އަމާން މާޒީގެ އުފާވެރިކަން އަލުން ހޯދައި، އިސްލާމީ ހަމަތަކާ އެއްގޮތަށް އުޅުންތައް އިސްލާހުކޮށް، ތަހުޒީބު މުޖުތަމައެއް ބިނާކުރުން ކަމުގައެވެ.
