ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭއްތިއްބުމުގެ އަމުރު ދަމަހައްޓައިފިއެވެ.

އެ މައްސަލައިގައި 18 އަހަރުން މަތީގެ ތިން މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކަށް ދައުވާ ކުރަން ވަނީ ފޮނުވާފައެވެ. ކްރިމިނަލް ކޯޓުގައި ދައުވާ ކުރީ ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ގއ. މާމެންދޫ/ ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގއ. މާމެންދޫ ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.

އެމައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވަނީ ކޯޓުން މައްސަލައާއި ގުޅިގެން ހުކުމެއް ކުރަންދެން ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބުމަށް އަމުރުކުރާ ކަމަށް ވިދާޅުވެފައެވެ.

އުދައްޔު މަރާލި މައްސަލާގައި އެ ތިން މީހުންނަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކޮށްފައެވެ. އެއީ؛

1. ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެކުށުގެ ދައުވާ

2. ގާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާއި، (ނ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

18 އަހަރުން ދަށުގެ ކުއްޖަކު އެ މާރާމަރީގައި ހިމެނޭއިރު އޭނާގެ މައްޗަށްވެސް 2 ދައުވާއެއް ކޮށްފައި ވެއެވެ. އެއީ؛

1. ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދަގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

2. ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ

އެ ދައުވާތައް ހުށަހަޅާފައި ވަނީ ޖުވެނިއަލް ކޯޓަށެވެ.

މާމެންދޫގައި ހިނގި އެ މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި މަރާލި އުދައްޔުގެ ހަށިގަނޑު ފެބްރުއަރީ މަހު 15ގައި ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށްފަހު ފެބްރުއަރީ 18ވަނަ ދުވަހު ވަނީ އަނބުރާ ރާއްޖެއަށް ގެނެސްފައެވެ.