މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން އެއްބަސްވެފައި ވަނީ ދައުލަތުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ދީފައި ވާތީ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިއަދު އެޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ އެމްއީއެސް އިމާރާތުގައި ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލެއް ހިންގަން މިނިސްޓްރީ އޮފް އެޑިއުކޭޝަން އާ އެމްއީއެސްގެ މަސްއޫލުވެރިންނާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރީ ޑިސެމްބަރު 28، 2008 ގައި ކަމަށެވެ. އަދި އެ އެއްބަސްވުން ފެބްރުއަރީ 6، 2010 ގައި ބަދަލުކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެ އެއްބަސްވުން ބާތިލްކޮށްލީ ޖަނަވަރީ 25، 2015 ދުވަހު ކަމަށް އޭޖީން ބުނެއެވެ.

އެ މައްސަަލަ ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ގަޟިއްޔާއިން ހުކުމްކޮށްފައިވަނީ ދައުލަތާ ދެކޮޅަށެވެ.

އޭޖީން ބުނީ މިނިސްޓްރީން އެ އެއްބަސްވުން ބާތިލްކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށްކަމަށާއި އެއްބަސްވުން އުވާލުމުގެ ސަބަބުން މާލޭ ހައި ކުންފުންޏަށް ލިބިގެންދާ އެންމެހާ ގެއްލުމުގެ ބަދަލު ދިވެހި ދައުލަތުގެ ފަރާތުން ހޯދުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.

އަދި ހައި ކޯޓުގެ ނިންމުން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ހުކުމް ކޮށްފައިވަނީ ރަނގަޅަށް ކަމަށާއި، އެ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް އޭޖީން ބުނެއެވެ.

އެގޮތުން، މިނިސްޓްރީން އެއްބަސްވުން ބާތިލުކޮށްފާވަނީ، އެއްބަސްވުން ވެފައިވާ ތާރީހުގެ 6 އަހަރު ދުވަސް ފަހުން ކަމަށްވެފާ، މާލޭ ހައި އިން އިންޓަނޭޝަނަލް ސްކޫލެއް ނުހިންގާކަމަށް ދެކިގެން ދައުލަތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުން، ދައުލަތަށް ލިބޭ ގެއްލުުން ކުޑަކުރުމަށް ދައުލަތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭޖީން ބުނެއެވެ. އަދި ސްކޫލް ނުހިންގައިގެން ކަމަށް ބުނެ އެއްބަސްވުން ބާތިލުކުރިއިރު، ސްކޫލް ހިންގުމަށް ދަތިވާ ގޮތަށް އިމާރާތުގެ ބައެއް އަރަބިއްޔާ ސްކޫލް ހިންގުމަށް ނަގާފައި އޮވެމެ، އެއްބަސްވުން ބާތިލުކުުރުމުގައި ދައުލަތުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުރަނުވެވޭ ކަމަށް ވެސް އޭޖީން ބުނެއެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު

އޭޖީ އޮފީހުން ބުނީ އެޕްރީލް 19، 2021 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީއިން އެ އޮފީހަށް ފޮނުވި ސިޓީގައި މަންދު ކޮލެޖަށް 15،012،500 ރުފިޔާ ދޭން ޖެހޭ ކަމަށް ބުނެފައިވައިވާ ކަމަށެވެ. އެއީ އެއްބަސްވުމާ ހިލާފަށް އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ކޮލެޖް އަލުން ފެށުމަށް ބޭނުންވާ އާލާތްތައް ހޯދުމަށް ހޭދަކުރަން ޖެހޭ 4،317،500 ރުފިޔާ އާއި އެހެން އިމާރާތަކަށް ބަދަލުވާން ޖެހުމުން ކުލީގެ ގޮތުގައި ދައްކަން ޖެހުނު 10،695،000 ރުފިޔާ ކަމަށް އެޑިއުކޭޝަނުން ބުނެފައިވާ ކަމަށް އޭޖީން ވަނީ ބުނެފައެވެ.

އޮޑިޓާ ޖެނެރަލްގެ ލަފަޔަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން، ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައި ދިނުމުގައި ކޮށްފައިވާ ހުކުމްތަކުގައި އެކަށައަޅާފައިވާ އުސޫލުތަކާއި، އެއްބަސްވުންތައް އެ މައްޗަށް ބިނާވާ "ފްރީޑަމް އޮފް ކޮންޓްރެޓް" އަދި "އެއްބަސްވުންތަކަކީ ތަންފީޒުވާންޖެހޭނެ އެއްޗެއް" ފަދަ ގާނޫނީ މަފްހޫމުތަކާ ތަޢާރުޟުވާ ގޮތަށް ދީފައިވާ ލަފަޔެކެވެ.
އެޖީ

އޭޖީން ބުނީ މާލޭ ހައި އިން ތަނެއް ކުއްޔަށް ހިފަން ޖެހުމަކީ، އެކުންފުންޏާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން އުފަންވި ގެއްލުމެއްކަމާއި އެ ގެއްލުމަކީ، ވެދާނެ ގެއްލުމެއްކަން އެއްބަސްވުމުގެ ބައިވެރިންނަށް އެނގިފައިވާނެ ގެއްލުމެއްކަަން އާދައިގެ ސަބަބުވެރި ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭ ގެއްލުމެއް ކަމަށެވެ،

މާލޭ ހައި އިން ކޮށްފައިވާ ހުކުމުން ނަގައިދީފައިވާ ގެއްލުމުގެ ބަދަލަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުމެއްކަމާއި އަދި އެއީ، އެއްބަސްވުމާ ހިލާފުވެފައިވާ ހިލާފުވުމާ ސީދާ ގުޅުންހުރި ގެއްލުމެއްކަން ވެސް އޭޖީން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން މާލޭ ހައިއަށް ލިބުނު ގެއްލުމާގުޅޭ ކިތާބީ ހެކި ނަފީކުރުމަށް ބަލާއިރު، އެހެކި ދައުލަތަށް ތަޢުނުކުރެވެން ނެތްކަމަށް ވެސް އޭޖީން ބުނެއެވެ.