އެމްއީއެސް ހިންގި އިމާރާތް މަންދު ކޮލެޖް އަތުން އަތުލި މައްސަލައިގައި ބަދަލު ދިނުން ލަސްވި ކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާ ދެކޮޅަށް ކުރި ދައުވާ ނާކާމިޔާބު ވެއްޖެއެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖު ހިންގާ މާލެ ހައި ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދީފައި ވަނިކޮށް 2013 ވަނަ އަހަރު އެ ކުންފުނި އަތުން އެ އިމާރާތް ސަރުކާރުން އަތުލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން އޭރު ނިންމިއެވެ. އެ މައްސަލައިގައި އެ ކުންފުންޏަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދައްކަން މިދިޔަ އަހަރު ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ނަމަވެސް ދައުލަތުން އެ ފައިސާ ދެއްކުމަށް ކަނޑައަލާފައިވާ އެއް މަސްދުވަހުގެ މުއްދަތުގައި އެ ފައިސާ ދައްކާފައި ނުވާތީ، މާލެ ހައި ކުންފުނިން ސިވިލް ކޯޓުގައި މިނިސްޓަރާ ދެކޮޅަށް ދައުވާކުރީ އެއީ މިނިސްޓަރުގެ އިހުމާލެއް ކަމަށް ކަނޑައެޅުމަށެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، ބަދަލުގެ ފައިސާ ދައްކަން ދައުލަތަށް ދީފައިވާ އެއް މަސްދުވަހުގެ މުއްދަތު ގާނޫނުގައި ބަޔާންކުރާ ގޮތަށް ގުނާއިރު އެ ފައިސާ ދޫކުރުމުގައި ލަސްވެފައިނުވާ ކަމަށާއި، އެގޮތުން އެކަމެއް ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމަނާ މުއްދަތު ގުނަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވާއިރު، އެންމެ ފަހު ދުވަހު އެ ފައިސާ ދޫކޮށްފައި ވާތީ އެއްވެސް އިހުމާލެއް ނެތް ކަމަށެވެ.

އެ މައްސަލައިގައި މިނިސްޓަރަށް ފަރުދީގޮތުން ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކޯޓުގައި އިޖުރާއީ ނުކުތާ އެއް ނަގާފައި ވެއެވެ. ނަމަވެސް ދައުލަތުން ދައްކަން ޖެހޭ ފައިސާ ލަސްވުމުން މިނިސްޓަރު އެއަށް ފަރުދީގޮތުން ޒިންމާވާން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

އަދި ފައިސާ ދެއްކުމުގައި ދައުލަތުގެ އެއްވެސް އިހުމާލެއް ނެތުމުން، އެ އިހުމާލަށް ޒިންމާވާންޖެހޭ ފަރާތަކާ މެދު އިތުރަށް ގޮތެއް ނިންމަން ނުޖެހޭނެ ކަމަށް ވެސް، ހުކުމުގައިވެއެވެ.