މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުން އެއްބަސްވި 15 މިލިއަން ރުފިޔާ އިން ވަކި އަދަދެއް އެ ކޮލެޖަށް ހަވާލު ކޮށްފައި ވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މަންދު ކޮލެޖަށް ފައިސާ ދެއްކުމަށް ކޯޓުން ކުރި ހުކުމާ އެއްގޮތަށް މުއްދަތުގެ ތެރޭގައި ކޯޓަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެ ފައިސާއިން ބަދަލުގެ ވަކި ވަރެއް މަންދުގެ އެކައުންޓަށް މިދިޔަ ހަފުތާގައި ވަނީ ޖަމާކޮށްފައި ކަމަށެވެ. ނަމަވެސް ޖަމާ ކުރީ ކިހާ ފައިސާއެއްކަން ހާމައެއް ނުކުރެއެވެ.
މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވީ އެމްއީއެސް ކުރިން ހިންގި އިމާރާތް އެ ކުންފުންޏަށް ދޫކުރުމަށް ފަހު 2015 ގައި ސަރުކާރުން އެތަނުގެ އެއްބަސްވުން އުވާލައި، އަތުލި މައްސަލައި ގައެވެ.
މަންދު ކޮލެޖު ސަރުކާރުން އަތުލީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ބަދަލުގެެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ވަނީ ދައުވާ ކޮށްފައެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށް ލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ހަރަދުގެ ބަދަލު ކަމަށް ބުނެއެވެ.
ނަމަވެސް ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސް ވެފައެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދެ ފަރާތުން އެގޮތަށް އެއްބަސްވުމުން ދައުލަތުގެ މައްޗަށް ކޯޓުން ހުކުމް ކުރީ އެ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށެވެ. މިގޮތަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ އޭޕްރީލް 19 ވަނަ ދުވަހުއެވެ.
މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި އެހާ ބޮޑު ފައިސާއެއް ސަރުކާރުން ދައްކަން ޖެހޭތީ އެކަމަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އެގޮތުން މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންނާއި އަމިއްލަ ބައެއް މެންބަރުން ވެސް ވަނީ އެކަމާ ގުޅިގެން ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.