އެމްއީއެސް ކުރިން ހިންގި އިމާރާތް އަތުލި މައްސަލާގައި އެތަން އަލުން ހޯދަން މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކުންފުންޏަށް ކާމިޔާބެއްނުވިއެވެ.
އެމްއީއެސް އިމާރާތުން މަންދު ކޮލެޖް ބޭރުކޮށްލުމުން އެތަން އެހެން އިމާރާތެއްގައި ހިންގަން ހަރަދުވި ފައިސާގެ ގޮތުގައި ސަރުކާރުން ވަނީ މާލެ ހައި ކުންފުންޏަށް 15 މިލިއަން ރުފިޔާގެ މީގެ ކުރިން ދީފައެވެ.
މާލެ ހައި ކުންފުންޏަށް މީގެ ކުރިން ދޫކޮށްފައިވާ އެމްއީއެސް އިމާރާތް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެއްބަސްވުން ބާތިލުކޮށްފައެވެ. އަދި މިހާރު އެ އިމާރާތުގައި އިއްޒުއްދީން ސްކޫލު ހިންގަމުން އަންނައިރު ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމާފައިވަނީ އެތަނުގެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށާއި އަދި އެކަމުގެ ބަދަލު އެ ކުންފުންޏަށް ދޭންޖެހޭނެ ކަމަށެވެ.
އެ ކުންފުނިން ސިވިލް ކޯޓުގައި ވަނީ އެ އިމާރާތް އެ ކުންފުންޏަށް ދިނުމަށާއި އެއްބަސްވުމަށް އަމަލުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދިފައެވެ. އެހެންނަމަވެސް ކުރިން އެފަދަ އަމުރަކަށް އެދިފައިނުވާތީ އިތުރަށް އެ ފަދަ ކަމަކަށް ނޭދެވޭނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން މާލެ ހައި ކުންފުންޏަށް ލިބުނު ގެއްލުންތަކަކީ ކޮބައިކަން އެނގެން ނެތީސް ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އަމުރު ނެރެދެވޭނެ ހަމައެއް ނެތް ކަމަށާއި ލިބުނު ގެއްލުންތައް ބެލުމަށްޓަކައި އެމްއީއެސް ހިންގި އިމާރާތަށް ވަނުމުގެ ފުރުސަތު ކޯޓު އަމުރެއްގެ ދަށުން އެ ކުންފުންޏަށް ފަހިކޮށް ދިނަސް، އެތަނުގައި ހުރި މުދާތައް ބަލާ ގެއްލުން ވަޒަން ކުރަން އެ ކުންފުނިން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.