މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 357 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލްއިން އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް 357 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 23 ޕަސަންޓް އިތުރު އަދަދެކެވެ.

މި ނަތީޖާ ބޭންކުން ހާސިލްކޮށްފައިވަނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ބޭންކުގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގާ ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީ ކަމަށް ބީއެމްއެލް ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ މި ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 537 މިލިއަން ލިބިފައިވާ ކަމަށާއި އެއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ އާ އަޅާބަލާއިރު 25 ޕަސަންޓު އިތުރު އަދަދެއް ކަމަށެވެ. މި ނަތީޖާ ހާސިލް ކޮށްފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާ ގުޅިގެން ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފަހައްޓާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ މި ކުއާޓާގައި ބީއެމްއެލް ގެ ވިގުއަ ފުޅާކުރުމަށާއި މުޖުތަމައަށް އެހީތެރިވުމަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ބީއެމްއެލް އިން ވަނީ ކ. ގުރައިދޫ އާއި މ. މުލީގައި އަލަށް ސެލްފް ސާވިސް ބޭންކިން ގެ ހިދުމަތް ފަށާފައިވާ ކަމަށާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީގެ ދަށުން ބީއެމްއެލް އިން މާލީ ގޮތުން އެހީތެރިވުމަށް 5 ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓެއް ހޮވާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ އޭޓީއެމްއެއް / ފޮޓޯ: ބީއެމްއެލް

އޭގެ އިތުރުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތަކުން އާންމުން ހޭލުންތެރިކަން އިތުރުކޮށް އެކަމުން ރައްކާތެރިކުރުމުގެ ގޮތުން ބޭންކުން 'ސަމާލުވޭ' ގެ ނަމުގައި އާ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެ ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ދާއިރާ ތަކުން ލިބުނު ނަތީޖާއާ އެކު ކޮވިޑް-19 އާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ހާލަތު ރަނގަޅު ވަމުންދާކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. އަދި މީގެ ތެރޭގައި ކާޑުން ލިބޭ އާމްދަނީ ވެސް ހިމެނޭ ކަމަށް ޓިވް ސޯޔާ ވިދާޅުވިއެވެ.

މި ނަތީޖާ އާ އެކުވެސް މިހާރުގެ ހާލަތުން އަރައިގަތުމަށް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން މަސައްކަތްތައް ބައްޓަންކުރާނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު. ކަސްޓަމަރުންނާއި މުޖުތަމައަށް އެހީވުމަށް ކުރާ އިންވެސްޓްމަންޓާއި ބޭންކުގެ ވިގުއަ ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އައު ޕްރޮޑަކްޓާއި ހިދުމަތްތައް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާނަން.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފްސާވިސް ބޭންކިން ސެންޓަރު، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.