އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީހުގައި މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއާ ހިއްސާގެ ފައިދާާއެކު މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 224.72 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

2020 ވަނަ އަހަރުގެ މާލީ ނަތީޖާ އިއްޔެ އެކުންފުނީގެ ވެބްސައިޓްގައި އާންމުކޮށްފައިވާއިރު އެމްޓީސީސީގެ 2020 ވަނަ އަހަރުގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.72 މިލިއަން ރުފިޔާ ވަނީ އެކުންފުންޏަށް ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާއާއި އަޅާބަލާއިރު 253 ޕަސަންޓް އިތުރު އަދަދެކެވެ.

މާލީ ނަތީޖާގެ ތަފްސީލަށް ނަޒަރު ހިންގާލާއިރު، 2020 ވަނަ އަހަރު ޖުމުލަ 1.37 ބިލިއަން ރުފިޔާގެ (2019 ވަނަ އަހަރުގެ: 1.15 ބިލިއަން ރުފިޔާ) ވިޔަފާރި ކޮށްގެން 224.71 މިލިއަން ރުފިޔާ، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި (2019 ވަނަ އަހަރުގެ: 63.65 މިލިއަން ރުފިޔާ) ވަނީ ރިކޯޑްކޮށްފައެވެ.

މިލަދޫ ބަނދަރުގެ މަސައްކަތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެރަށަށް ވަޑައިގަތުން / ފޮޓޯ: އެމްޓީސީސީ

މި ނަތީޖާއަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީހްގައި ރެކޯޑްކުރި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރި މާލީ އަހަރުކަން އެކުންފުނިން ފާހަގަ ކުރެއެވެ. އަދި 2020 ވަނަ އަހަރު މާލީ ނަތީޖާއާއިއެކު ހިއްސާއަކަށް 3.00 ރުފިޔާ (ހިއްސާގެފައިދާގެ ގޮތުގައި ޖުމުލަ 24.11 މިލިއަން ރުފިޔާ) ބަހަން ވެސް އެމްޓީސީސީގެ ބޯޑުން ވަނީ ނިންމާފައެވެ. މިއީ ވެސް އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީހްގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދެވެ.

2020 ވަނައަހަރުގެ ކުންފުނިން ހާސިލްލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެގޮތުން 2020 ވަނަ އަހަރު ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއިއެކު ހިންގިފައެވެ.

ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

އެގޮތުން 36 މަޝްރޫއެއްގެ މަސައްކަތްވަނީ ކަމިޔާބުކަމާއިއެކު ނިންމާލާފައެވެ. ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތު އެކި މާކެޓިން ހަރަކާތްތަކެއްވެސް 2020 ވަނަ އަހަރުގެ ތެރޭގައި ވަނީ ހިންގާފައެވެ. އަދި އާންމު ދަތުރުފަތުރުގެ ހިދުމަތް މާލެ ސަރަހައްދުގައި އަދި އަތޮޅުތެރޭގެ ޒޯން 5،4،3،2،1 އަދި 6 ގައި ވަނީ ކުރިއަށްގެންގޮސް، 16 އަތޮޅެއް ގުޅުވާދީފައެވެ. އަދި ކުންފުނީގެ މަޝްރޫއުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކައްވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވާނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކްތަކެއް ކޮށްދީފައެވެ.

އިސްދޫ ބަނދަރު ފުންކޮށް ނިންމާލައިފައި / ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ވިޔަފާރި ފުޅާކޮށް ހިންގުން ހަރުދަނާކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް ކުންފުނިން އެކުލަވާލާ، މާކެޓްގެ ހާލަތު ބަދަދަލުވަމުންދާ ގޮތަށް ދަނީ ރިއާޔަތްކޮށް މުރާޖައާކުރަމުންނެވެ.

ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް އެމްޓީސީސީން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތައް ބަލާ ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށް ހިކްމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅާ، މިފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކޮށްފައިވާކަމުގެ އުފާވެރި ހަބަރު ހިއްސާދާރުންނަށް އެކުންފުނިން ވަނީ ދީފައެވެ.