ޖީއެސްޓީ ނަގަން ލާޒިމްވާ ވަގުތު ކަނޑައެޅުމަށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިން ވަގުތު ބަޔާންކޮށްފައިވާ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ދަތިތައް ދިމާވަމުންދާ ކަމަށް ވިދާޅުވެ، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވު މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވިއިރު ބަހުސްކުރަން ނުފެންނަ ކަމަށް 36 މެންބަރަކު ވޯޓު ދެއްވިއެވެ.

ނިއުޝާދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ޖީއެސްޓީ ނަގަން ލާޒިމްވާ ވަގުތު ކަނޑައަޅާނެ ގޮތް ބަޔާންކޮށްފައި އޮތް ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ދަތިވަމުންދާ ކަމުގެ ޝަކުވާ އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޖީއެސްޓީ ނަގަން ލާޒިމްވާ ވަގުތުތަކަކީ:

  • އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތު
  • މުދަލެއް ގަންނަ ނުވަތަ ހިދުމަތެއް ލިބިގަންނަ ފަރާތުން އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގު އެއްފަހަރާ، ނުވަތަ އަގުން ބައެއް އަދާކުރާ ވަގުތު

ނިއުޝާދު ވިދާޅުވީ، ގާނޫނުގައި މިފަދައިން އޮތުމުގެ ސަބަބުން މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމްވެގެން ދިޔަ ނަމަވެސް، ވިޔަފާރިތަކުން ދޭ ހިދުމަތުގެ ނުވަތަ ވިއްކާ މުދަލުގެ އަގަށްވާ ފައިސާ ނުލިބުން މިހާރު އާންމުވެފައިވާ ކަމަށެވެ.

އަދި ވިޔަފާރިތަކުން ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމްވެގެން ދިޔަ ނަމަވެސް، އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ފައިސާ ހޯދުމަކީ ވިޔަފާރިތަކުގެ ބާރުގައިވާ ކަމެއް ނޫން ކަމަށާއި، އެކަން މިހެން އޮއްވައި ވަކި ވަގުތަކަށް ޖީއެސްޓީ ދެއްކުން ވިޔަފާރިތަކަށް ލާޒިމްކޮށްފައި އޮތުމަކީ އިންސާފެއްނޫން ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ފަހު އެ މުދަލާއި ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކޮށް އެ ތަންތަނަށް ވިޔަފާރިތަކުން ހުށަހެޅި ނަމަވެސް، ވިޔަފާރިތަކަށް އެ އިންވޮއިސްތަކަށް ފައިސާ ނުލިބޭކަމުގެ ކަންބޮޑުވުން އެ ވިޔަފާރިތަކުން ފާހަގަކޮށްފައިވާ ކަމުގައި ވެސް ނިއުޝާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޓެކްސް އިންވޮއިސްތަކުގައިވާ ބަޔާންކޮށްފައިވާ ފައިސާ ވިޔަފާރިތަކަށް ނުލިބުމުގެ ސަބަބުން ވިޔަފާރިތަކުން ޖީއެސްޓީ ނުދެއްކި އޮތުމުން، އެ ވިޔަފާރިތަކަކީ ދައުލަތަށް ޓެކްސް ނުދައްކާ ބައެއްގެ ގޮތުގައި ކަނޑައަޅައި ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުން މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ ދައުލަތުގެ ފަރާތުން ވިޔަފާރިތަކާ މެދު ހިންގަމުންދާ އިގްތިސޯދީ ޖަރީމާއެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.