ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތުގެ ތެރެއިން މި މަހު ރ އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފެށުމުގެ ކުރިން މައުލޫމާތު ހިއްސާ ކުރުމަށް ސެޝަނެއް ރ. އަލިފުއްޓާއި ވާދޫގައި ބާއްވާނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީން ވަނި މި މަހުގައި ރ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށާނެ ކަމަށް ބުނެފައެވެ. އަދި ސީދާ ދުވަސް އިއުލާން ނުކުރި ނަމަވެސް އެކަމަށް ވާން ޖޭހެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެގޮތުން ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އާރްޓީއެލް ފެރީ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ރ އަތޮޅުގެ ދެ ރަށަކަށް ފެރީ ހިދުމަތާ ގުޅުން ހުރި މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ސެޝަނެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. ރ. އަލިފުށީގައި މި ސެޝަން ކުރިއަށް ދާނީ އެ ރަށު ސްކޫލް ހޯލުގައި ހެނދުނު 10:00 ގައެވެ. އަދި ރ. ވާދޫގައި މި ސެޝަން ކުރިއަށް ދާނީ އެ ރަށު ސްކޫލް ހޯލުގައި މެންދުރު ފަހު 2:00 ގައެވެ. އެމްޓީސީސީ އިން ބުނީ، އާރްޓީއެލް ފެރީއާ ގުޅުންހުރި މައުލޫމާތު ހިއްސާ ކުރާ އިރު މި މައުލޫމާތު ހޯދުމަށް ރައްޔިތުން މި ސެޝަންގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.
މި މަހު އާރްޓީއެލް ހިދުމަތް ރ އަތޮޅުގައި ފަށާ އިރު އަންނަ މަހު މި ހިދުމަތް ބ އަތޮޅުގައި ފަށާނެ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ގައުމީ ފެރީ ނިޒާމެއް ގާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަށް ފެރީ ނިޒާމުން ވަނީ ގުޅާލާފައެވެ. އަދި ޅ. އަތޮޅާއި ހުވަދު އަތޮޅުގެ އިތުރުން އައްޑު އަތޮޅުގައި ވެސް މި ހިދުމަތް ވަނީ ފަށާފައެވެ.
އާރްޓީއެލް ފެރީ ހިދުމަތްދޭ އަތޮޅުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީން އެފްޖޭއެސް ކޮންސަލްޓިން އާ ހަވާލުކޮށްގެން ހެދި ދިރާސާ އިން ބުނާ ގޮތުގައި ސާވޭގައި ބައިވެރިވި، 86 ޕަސެންޓް މީހުން ގަބޫލު ކުރާ ގޮތުގައި އާރްޓީއެލްގެ ސަބަބުން ގޭބިސީގެ ދަތުރުފަތުރުގެ ހަރަދު ވަނީ ކުޑަވެފައެވެ. ދަތުރުފަތުރުގެ ހަރަދު ކުޑަވެ، އޭގެ ސަބަބުން ލިބޭ ސޭވިންގެ ސަބަބުން އިގްތިސޯދީ ހާލަތާއި އާއިލާތަކާއި ގޭބިސީތަކުގެ މާލީ ތަނަވަސް ކަން އިތުރުވެގެން ދެއެވެ.
އާރްޓީއެލް ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތަކަކީ އެމްޓީސީސީން ކުރިން ބޭނުންކުރަމުން އައި ފެރީތަކުގެ ސްޕީޑަށްވުރެ 3 ގުނަ އަވަސް ފެރީތަކެކެވެ.