ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތުގެ ތެރެއިން މި މަހު ރ އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފެށޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔަޑް އަހްމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސައުދީ ވިދާޅުވީ، އާރްޓީއެލް ފެރީގެ ހިދުމަތް ދިނުމުގެ މަޝްރޫއަކީ އެއް ބިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާއި މި މަޝްރޫގެ ދަށުން މި މަހު ރ. އަތޮޅަށް ހިދުމަތް ދޭން ފެށޭނެ ކަމަށެވެ. އަދި އަންނަ މަހު ބ އަތޮޅަށް މި ހިދުމަތް ފެށޭނެ ކަމަށާއި އެ ކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސައުދީ ވިދާޅުވިއެވެ.
އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް"ގެ ތިންވަނަ ފިޔަވަހީ ގެ ދަށުން، އާރްޓީއެލް ފެރީ ހިދުމަތް ދިނުމަށް 100 މިލިއަން ރުފިޔާގެ އެހީއެއް ދީފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެ އެހީއާއެކު މިހާރު ބޭނުންވާ މިންވަރަށް ފެރީތައް ބަނުމަށް އޯޑަރު ދީފައިވާ ކަމަށް ސައުދީ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ އިރު ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ ފެރީގެ ރޫޓްތަކާއި ފަސިންޖަރުން އަތުން ނަގާނެ ފީ ކަނޑައަޅަމުން ކަމަށް ސައުދީ ވިދާޅުވިއެވެ.
އެގޮތުން މި ޖޫން މަހުން ފެށިގެން ކޮންމެ މަހަކު ވަކި ސަރަހައްދަކަށް ފެރީގެ ހިދުމަތް ފެށިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސައުދީ ވިދާޅުވިއެވެ. މި މަސައްކަތުގައި ސަރުކާރާއެކު ކުރަމުން ދާ މަސައްކަތުން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ސައުދީ ވިދާޅުވިއެވެ.
ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ގައުމީ ފެރީ ނިޒާމެއް ގާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަށް ފެރީ ނިޒާމުންވަނީ ގުޅާލާފައެވެ. އަދި ޅ. އަތޮޅާއި ހުވަދު އަތޮޅުގެ އިތުރުން އައްޑު އަތޮޅުގައި ވެސް މި ހިދުމަތް ވަނީ ފަށާފައެވެ.
އާރްޓީއެލް ފެރީ ހިދުމަތްދޭ އަތޮޅުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީން އެފްޖޭއެސް ކޮންސަލްޓިން އާ ހަވާލުކޮށްގެން ހެދި ދިރާސާ އިން ބުނާ ގޮތުގައި ސާވޭގައި ބައިވެރިވި، 86 ޕަސެންޓް މީހުން ގަބޫލު ކުރާ ގޮތުގައި އާރްޓީއެލްގެ ސަބަބުން ގޭބިސީގެ ދަތުރުފަތުރުގެ ހަރަދު ވަނީ ކުޑަވެފައެވެ. ދަތުރުފަތުރުގެ ހަރަދު ކުޑަވެ، އޭގެ ސަބަބުން ލިބޭ ސޭވިންގެ ސަބަބުން އިގްތިސޯދީ ހާލަތާއި އާއިލާތަކާއި ގޭބިސީތަކުގެ މާލީ ތަނަވަސް ކަން އިތުރުވެގެން ދެއެވެ.
އާރްޓީއެލް ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތަކަކީ އެމްޓީސީސީން ކުރިން ބޭނުންކުރަމުން އައި ފެރީތަކުގެ ސްޕީޑަށްވުރެ 3 ގުނަ އަވަސް ފެރީތަކެކެވެ.