ކޮވިޑުގެ ނުރައްކަލުން ސަލާމަތް ވާން އޮތް ހަމަ އެކަނި ގޮތަކީ ވެކްސިން ކަމަށް ވީމާ، ހުރިހާ ރައްޔިތުންވެސް އެ ބޭނުން ވެއެވެ. ރާއްޖޭގައި ދިރިއުޅޭ 5 ލައްކަ އެއް ހާ ދިވެހިންނާއި 2 ލައްކަ އެއްހާ ބިދޭސީންނަށް ބޭނުންވާ ވެކްސިން މިހާރު ވަނީ ލިބުން ދަތިވެފައެވެ.

ވެކްސިން ޖަހައިދޭ މަރުކަޒުތަކަށް ބާރު ބޮޑުވެ، ދިގު ކިޔުތައް ހަދަމުން ދާއިރު، ރާއްޖެއަށް ލިބޭނެ ކަމަށް ސަރުކާރުގެ އޮފިޝަނުން ވިދާޅުވަމުން ގެންދެވި ވެކްސިންގެ ޝިޕްމަންޓުތައްވެސް، އައުން ވަނީ ބޮޑުތަނުން ލަސްވެފައެވެ.

ރާއްޖޭގައި ދިރިއުޅޭ މީހުންނަށް އާންމުކޮށް ޖަހާ ކޮވިޝީލްޑުގެ 7 ލައްކަ ޑޯޒް ގެންނަން ސަރުކާރުން ހުރީ ލާރި ދައްކާފައެވެ. ނޮން ޑިސްކްލޯޝާ އެގްރީމެންޓެއް ވީމައި ދެއްކި ފައިސާގެ އަދަދެއް ހެލްތު މިނިސްޓްރީން ހާމައެއް ނުކުރިއެވެ. އަދި އެ ވެކްސިން އަންނާނެ ދުވަހެއްވެސް މިނިސްޓރީއަކަށް ނޭނގުނެވެ.

ލާރި ދެއްކި 7 ލައްކަ ޑޯޒް ވެކްސިނާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވީ، ލާރި ދެއްކި ވެކްސިން އައުމުގައި ލަސްތަކެއް ދިމާވެގެން އުޅޭ ގިނަ ސަބަބުތައް ހުރި ކަމަށެވެ. އެގޮތުން އެ ވެކްސިން އުފައްދާ ފެކްޓަރީ ހުރި ގައުމުގައި ކޮވިޑްގެ ނުރަައްކާ ބޮޑުވެ މަސައްކަތަށް ބުރޫއަރާފައި ވާކަކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ލަސްތަކެއް ނުވެ ގެނެވޭތޯ ވަރަށް ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް ގެންނަން ލާރި ދައްކާފައި ހުރި 7 ލައްކަ ޑޯޒްގެ އިތުރުން، ކައިރީގައި އޮތް އިންޑިއާއިން ގަނެގެން ގެންނަން 2 ލައްކަ ޑޯޒް ކޮވިޝީލްޑަށްވެސް އޮތީ ލާރި ދައްކާފައެވެ. އޭގެ ތެރެއިން 1 ލައްކަ ޑޯޒް ލިބުނު ފަހުން އިންޑިއާގައި ކޮވިޑް ފެތުރޭލެއް ބާރުވެ، މުޅި އިންޑިއާ ހުއްޓުމަކަށް އައުމާއެކު ރާއްޖެއަށް ލިބެން ޖެހޭ 1 ލައްކަ ޑޯޒް ލިބުން ވަނީ ދަތިވެފައެވެ.

"މިހާރު އިންޑިއާއިން ބޭރެއް ނުކުރެވޭ...އެގައުމުގެ ހާލަތު އޮތް ގޮތުން...އެހެން ނަމަވެސް ސަރުކާރުން ވަރަށް މަސައްކަތް އެބަ ކުރޭ ހާއްސަ އިމްތިޔާޒުގެ ދަށުން.."
އޮފިޝަލް

ސަރުކާރުގެ އޮފިޝަލެއް އެހެން ވިދާޅުވި ނަމަވެސް އިންޑިއާގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ ތޫފާނުގެ ސަބަބުން، އެގައު ބޭހަށް ޖެހި އަދި އޮކްސިޖަނަށް ވެސް ވަނީ ޖެހިފައެވެ. އެހެން ކަންކަން ހުރުމާއެކު، ފަސޭހަ ރަހުމަތެއްގައި އެގަމުން ވެކްސިން ބޭރު ކުރެވޭނެ ގޮތެއް ނެތެވެ. އަދި ހާއްސަ އިމްތިޔާޒުގެ ދަށުން ވެސް އެކަން ވުން މިވަގުތަށް އޮތީ ތަންކޮޅެއް ދުރުގައެވެ.

ރާއްޖެއަށް ކޮވިޝީލްޑުގެ 3 ލައްކަ ޑޯޒާއި، ސިނޯފާމްގެ 1 ލައްކަ 5 ހާސް ޑޯޒް އާއި ފައިޒާގެ 5 ހާސް ޑޯޒް ލިބުނު އިރު މިހާތަނަށް 4 ލައްކައެއް ހާ މީހުން ވެކްސިން ޖަހައިފިއެވެ. އޭގެ ތެރޭގައި ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 3 ލައްކައާ ގާތް ކުރާ އިރު 2 ވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1 ލައްކައާ ގާތް ކުރެއެވެ.

ރާއްޖޭގައި މާލޭގެ 3 ސެންޓަރަކާއި ވިލިމާލެއާއި ހުޅުމާލޭގައި ވެކްސިން ޖަހައިދެމުން ދާ އިރު، ވެކްސިން ޖަހަން ރޭވެސް ބޮޑެތި ކިޔުތައް ހެދިއެވެ. އޮންލައިންކޮށް ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރުން ހުއްޓާލައި، ސެންޓަރުތަކުން ނަންބަރު ދޫކުރާ ގޮތަށް ހެދުމާއެކު، ރޭ އޮތީ ސެންޓަރުތައް ކައިރީގައި "ވެކްސިން ކްލަސްޓާ" އެވެ. އެމީހަކާއި އެމީހެކެވެ. ނަނަބަރެއް އަވަހަށް އަތުޖެހޭތޯ މީހުންގަނޑު ބޮނޑިވެގެން އުޅުނު އިރު އެތަންތާނގައި އިންތިޒާމު އޮތީ ގެއްލިފައެވެ. މުޅިންވެސް ފެންނަން އޮތީ ވެކްސިން ކްލަސްޓާތަކެވެ.

ޒުވާނުންގެ މަރުކަޒުން ވެކްސިން ޖަހަން ރޭ ހަދާފައި އޮތް ކިޔުތަކުގެ ތެރެއިން 1 ކިޔު / ފޮޓޯ: ދަ ޕްރެސް

"ތެޅި ތެޅި ބަލިވެއްޖެ ރޭގައި، ނުދުއްވާ މަރުކަޒެއް ނުހުންނާނެ، ނަންބަރެއްވެސް ނުލިބުނު، އަންހެނުން ހައިރިސްކް، ވެކްސިން ޖަހަން ޖެހޭ މުއްދަތު ދަނީ، ދެން އަނެއްކާ ސުމަކުން ފަށަން ޖެހޭނީ..." ރޭ ވެކްސިން ޖެހޭތޯ އެކި ސެންޓަރުތަކަށް ދިޔަ މީހަކު ބުންޏޭވެ.

އޭނާގެ މޫނު މަތިން މާޔޫސް ކަމާއި ނުތަނަވަސްކަން ފެނިގެން ދިޔަ އިރު ރޭ ވެކްސިން ޖެހި މީހަކު ބުނީ، "އެއަށް ވުރެ ރަނގަޅު ވާނޭ ވެކްސިން ނުޖެހުނު ނަމަވެސް....މިހާރު ދެން ނޭނގެ އަނެއްކާ ކޮވިޑް ނެތް ކަމެއް، އެހާ މީހުން ގިނަ، އެހާ ގިނަ އިރު...ހަން ކަނޑާލައިފި" އެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، ވެކްސިން ސެންޓަރުތަކަށް ބާރު ބޮޑުވެފައި ވަނީ، ލިމިޓް ކޮށް (ވަކި އަދަދަކަށް) ނަންބަރު ދޫކުރާތީ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެހެން ހަދަން ޖެހުނީ ވެކްސިން މަދުވެ ސްޓޮކް ހުސްވަމުން ދާތީ ކަމަށެވެ.

ވެކްސިން ޖެހުމަށް މަޖިލިސް ކައިރީ މީހުން އެއްވެފައި / ފައިލް ފޮޓޯ: ދަ ޕްރެސް

މި ރޯދަ މަސް ފެށިގެން އައިއިރު ކޮވީޝީލްޑްގެ ދެވަނަ ޑޯޒް ޖެހުން ފެބްރުއަރީ 1 އިން 18 އާ ދެމެދުގެ އެންމެނަށް ހުޅުމާލި ނަމަވެސް މިހާރު ވަނީ އެ ކަން ބަދަލު ކޮށް ދެވަނަ ޑޯޒް ޖެހޭނީ ފެބްރުއަރީ 1 އިން 7 އާ ދެމެދު ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ކަމަށް ނިންމާފައެވެ. އޭރު ރޯދަ ފެށެން އުޅެނިކޮށް "ފީސަބީލިއްލާހި" އަށް ހުޅުވާލީމައި، ގިނަ ބިދޭސީންނާއި، ދިވެހިންގެ މަދު ބަޔަކަށް ވެކްސިން ލިބުނެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ވެކްސިން ނުޖެހި ހާސްކަން ބޮޑުވެފައި ވަނީ ވެކްސިން ޖަހަން ދިވެހިން ފަރުވާ ކުޑަކޮށް، ފަހުވަގުތައް ގިނަ ބަޔަކު މަޑު ކުރުމުންނެވެ.

"ދިވެހިން ނުދަނީ، އިހަށް ދުވަހު ކިޔުބީ އިން ނަންބަރު ނަގާގޮތަށް ހެދީމާވެސް ނަންބަރު ނަގާފައި ކަޓާ އިރުވެސް ނާދޭ...އެބަހުރި 100 އިން 300 އިން ކެންސަލް ނަންބަރު...ބޮޑު ވަރު ދޯ އެއީ.."
އޮފިޝަލް

އެހެން މީހަކު ބުނީ، އޭނާ ނަންބަރު ނަގައިގެން ކިޔު ބީ ބަލަމުން ގޮސް ގަޑި ޖެހެން 30 މިނެޓު ހުއްޓާ މަރުކަޒަށް ދިޔަ އިރު ނަންބަރު ކަޓައިފި ކަމަށެވެ.

"އެ ކިޔުބީގައި ބުނާ އެއްޗަކާ އެތަނަށް ދިޔައިމާ ދިމާވާ ގޮތާ ތަފާތު... އަހަރެމެން 2 މައިންގެ ނަންބަރު ކެޓީ، 30 މިނެޓް ހުއްޓާ ދިޔައީ، އެކަމަކު ކަޓާފަ..."
ވެކްސިން ޖަހަން ދިޔަ އަންހެނެއް

ރާއްޖެ ވެކްސިނަށް ޖެހި، ވެކްސިން ނުޖެހި ރައްޔިތުން ތެޅިފޮޅެމުން ދާއިރު، ރާއްޖޭގައި ކޮވިޑް ފެތުރޭ ނިސަބަތްވެސް ވަނީ ބޮޑުތަނުން މަތިވެފައެވެ. ވޭތުވެ ދިޔަ 3-4 ދުވަހަކަށް ބަލާއިރު ހާހަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެއްޖެއެވެ. ދުވާލަކަށް ޕޮޒިޓިވް ވާ މިންވަރު 500 އާ ގާތް ކޮށްފައި ވާ އިރު، ގިނަ އަދަދެއްގެ ބަޔަކު ޓެސްޓް ކޮށްފި ނަމަ، އެ އަދުތައް ދުވާލަކަށް 1000 އާ ގާތް ކުރާނެ ކަމަށް ބެލެވެއެވެ. ފެތުރެނީ ކޮން ވޭރިއެންޓެއް ކަން ނޭނގުނަސް ހަލުވި ކަމާއެކު ދަނީ ބަލި ފެތުރެމުންނެވެ.

ރާއްޖެއަށް އެންމެ ބޮޑަށް ވެކްސިން ބޭނުންވާ މި ދަނޑިވަޅުގައި ވެކްސިނަށް ޖެހުމަކީ އޮތް ބޮޑު ގޮން ޖެހުމެކެވެ. މިހާރު ރާއްޖޭގައި ހުރި ވެކްސިނުން ވަނީ އާބާދީގެ 30 ޕަސެންޓް ކަމަށް ވާ ނަމަ، ބާކީ 70 ޕަސެންޓަކީ ވެކްސިނެއް ނުލިބި، ހަލުވި ކަމާއެކު ފެތުރެމުންދާ ވައިރަހުގެ "ވަރަށް ގާތް" އެކުވެރިއަކަށް ވުމުގެ ފުރުސަތު ބޮޑެވެ. އަދި ވެކްސިން ޖެހުމަށް ފަހު ވައިރަސް އެރިއަސް ބޮޑުވަރު ނުވުމަކީ އެ ވެކްސިން ދިވެހި އެންމެހާ ރައްޔިތުންނަށް ލިބުން ލާޒިމު ކުރާ ކަމެކެވެ. ހަމަ އެހެންމެ، ރައްޔިތުން ވެކްސިން ނުޖެހި، ހާސްކަމުގައި ދެކޮޅަށް ދެކޮޅަށް ދުވާ އިރު، ވެކްސިންގެ އާ ޝިޕްމަންޓެއް ލިބޭނެ ތާރީހެއް އާންމުކޮށް އަންގާ އިއުލާނު ކުރަންވެއް ޖެހެއެވެ. މިއީވެސް ދައުލަތެކެވެ. ގޮތް ހުއްވެގެން ނުވާނެއެވެ.