ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ޖޫނިއާ ކޮލެޖް ތައާރަފްކޮށް ތަރައްގީ ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ކުރަމުންދާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ ޖޫނިއާ ކޮލެޖް ތަރައްގީ ކުރުމުގެ މަސައްކަތް ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމުމުން އެކަމުގެ އަމަލީ މަސައްކަތް ފެށި މިހާރު ޓެންޑާކުރުމުގެ މަރުހަލާގައިވާ ކަމަށެވެ.
އެ ގޮތުން، ޓެންޑާ ކާމިޔާބުކުރާ ފަރާތުގެ އަމިއްލަ ހަރަދުގައި، ޑިޒައިންކޮށް، އިމާރާތްކޮށް، ހިންގާގޮތަށް، ކެނދިކުޅުދޫގަޔާއި، ދިއްދޫގައި ދަރިވަރުން ތިބޭނެ ދަނާލާއެކު ޖޫނިއާ ކޮލެޖް ތަރައްގީ ކުރުމުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ދައުވަތު، ޓެންޑާ ބޯޑް މެދުވެރިކޮށް މިހާރު ހުރިހާ ފަރާތްތަކަކަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މި މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށެވެ.
ޖޫނިއަރ ކޮލެޖުތަކަކީ ސާނަވީ ސްކޫލް ނިންމާ ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތު ފަހިކޮށްދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ބިނާކުރާ މަތީ ސާނަވީ ފެންވަރުގެ މަރުކަޒު ތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އެފަދަ ކޮލެޖުތަކުގެ ބޭނުމަކީ ޒުވާނުންގެ ތައުލީމީ ފެންވަރު ކުރިއަރުވާ، ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރި ކުރުވުމަށް މަގުފަހި ކުރުމާއި ކަމާގުޅުން ހުރި ތަމްރީނާއި ތަޖުރިބާ، މި ޒަމާނުގެ އެންމެ ޒަމާނީ ވަސީލަތްތަކުގެ އެހީއާއެކު، ޒުވާނުންނަށް ފޯރުވާ ދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ޖޫނިއާ ކޮލެޖެއްގައި ކިޔެވުމަށް އާންމުކޮށް އެންރޯލްވެވޭނީ 16 އަހަރާ 21 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ. އަދި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޭ-ލެވެލްގެ ފެންވަރަށް ކަމަށާއި ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް-3 ފެންވަރުން ފެށިގެން ގޮސް އެ އޮނިގަނޑުގެ ޑިޕްލޮމާ ފެންވަރުގެ ނިޔަލަށް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.