މަންދު ކޮލެޖުގެ އެއްބަސްވުން ކުރީ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި ގިނަ ވެގެންވެސް ދޭން ޖެހޭނީ 1،581،475 ރުފިޔާ (1.5 މިލިއަން) ކަމަށް އޮޑިޓް އޮފީހުން ބުނީމާ ދައުލަތުން 15 މިލިއަން ދޭން ނިންމައިފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރު ކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގައި 1.5 މިލިއަން ދޭން ލާފާ ދީފައި އޮއްވާ، މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވީ އެމްއީއެސް ކުރިން ހިންގި އިމާރާތް އެ ކުންފުންޏަށް ދޫކުރުމަށް ފަހު 2015 ގައި ސަރުކާރުން އެތަނުގެ އެއްބަސްވުން އުވާލައި، އަތުލި މައްސަލައި ގައެވެ.
އޮޑިޓް ރިޕޯޓުގައި މަންދަށް 2 ބަޔަކަށް ބަދަލު ދޭން އޮވެއެވެ.
އެގޮތުން ފުރަތަމަ އަދަދަކީ 1.27 މިލިއަން ރުފިޔާގެ ބަދަލެކެވެ. އަދި ދެވަނަ އަދަދަކީ 1.58 މިލިއަން ރުފިޔާގެ ބަދަލެކެވެ.
1.27 މިލިއަން ރުފިޔާގެ ބަދަލަކީ:
- އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 100،580 ރުފިޔާ
- މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.18 މިލިއަން ރުފިޔާ
1.58 މިލިއަން ރުފިޔާގެ ބަދަލަކީ:
- އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެންޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 166،599 ރުފިޔާ
- މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.41 މިލިއަން ރުފިޔާ
އޮޑިޓް އޮފީހުން ތައްޔާރު ކުރި އެ އެސެސްމަންޓަކީ މިދިޔަ އޮގަސްޓު މަހު އެޑިއުކޭޝަން މިނިސްޓްރީންގެ އެދުމަކަށް ތައްޔާރު ކުރި އެސެސްމަންޓެކެވެ. މަންދުގެ އެއްބަސްވުން ބާތިލު ކުރުމުން މަންދު ކޮލަޖަށް ދޭން ޖެހޭ ބަދަލު ކަނޑައެޅުމަށް އެސެސްމަންޓެއް ހެދުމަށް މިނިސްޓްރީން އޮތީ އޮޑިޓް އޮފީހުގައި އެދިފައެވެ.
މަންދު ކޮލެޖު ސަރުކާރުން އަތުލީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ބަދަލުގެެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ވަނީ ދައުވާ ކޮށްފައެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރު ކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ހަރަދުގެ ބަދަލު ކަމަށް ބުނެއެވެ.
ނަމަވެސް ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސް ވެފައެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދެ ފަރާތުން އެގޮތަށް އެއްބަސްވުމުން މިދިޔަ ހޯމަ ދުވަހު ދައުލަތުގެ މައްޗަށް ކޯޓުން ހުކުމް ކުރީ އެ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށެވެ.