ހަޔާ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލާޝިޕް ސްކީމްގެ ދަށުން، އެމްޑަބްލިޔުއެސްސީގެ ފަރާތުން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން، އެ ދާއިރާއިން ބެޗްލާސް ޑިގްރީ ލެވެލްގެ ކޯސް ފުރިހަމަކުރުމަށް 4 ދަރިވަރަކު ސްޕޮންސާ ކޮށްދީފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެސްޕޮންސާޝިޕްއާ ގުޅިގެން، ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާހް ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ފަރާތުން މިއަދު ހާއްސަ ވާޗުއަލް ހަފްލާއެއް ބާއްވާފައިވާ ކަމަށެވެ. އެހަފްލާގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓާ ހަސަން ޝާހު ވަނީ ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.
ރާއްޖޭގައި ތެރަޕީ ހިދުމަތްތަކަކީ އާންމު ރައްޔިތުން ހޯދުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހިދުމަތްތަކެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. ނަމަވެސް، އެދާއިރާއިން ހާއްސަވެގެން ތަމްރީން ލިބިފައިވާ މީހުން މަދުކާމައި އެކު އެހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވާކަމަށާއި ތެރަޕީގެ އެކި އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަން މިނިސްޓްރީން ފާހަގަކުރި ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.
އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ސްޕޮންސާކުރާ 4 ދަރިވަރުން ތަމްރީން ކުރެވޭނީ، އޯޑިއޮލޮޖީ، އޯޑިއޮލޮޖީ އެންޑް ސްޕީޗް ލެންގުއެޖް ޕެތަލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީ، މި ދާއިރާތަކުންނެވެ. ހަތަރު އަހަރު ދުވަހުގެ މިކޯސްތައް ފުރިހަމަކުރުމަށް، 2.3 މިލިއަން ދިވެހި ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ފާހަގަކޮށްފައެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މުޖުތަމައަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމަށް އެފަދަ ފުރުސަތެއް، އެކުންފުނީގެގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް ކަމަށެވެ. އަދި މިއީ މުޖްތަމައަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ދެކޭ ކަމަށެވެ.
އެމްޑަބްލިއުއެސްސީ ގެ އަމާޒަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމައަށް ފައިދާކުރަނިވި ކަންތައްތަކެއް ކޮށް، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.