ރަމަޟާން މަހަކީ އެތައް ގޮތަކުން ހާއްސަވެގެންވާ މަހެކެވެ. މާތްވެގެންވާ މަހެކެވެ. ބަރަކާތްތެރި ވެގެންވާ މަހެކެވެ. ރަމަޟާންމަހު، ރޯދަ ހިފުމަކީ އިސްލާމް ދީނުގެ 4 ވަނަ ރުކުނެވެ. ރުކުނެއްގެ ގޮތުގައި ރޯދަ ހިފުން ކަނޑައެޅިފައި ވަނީ، އެކަމުގެ މުހިއްމުކަމާއި މާތްކަމުގެ ސަބަބުން ކަން ކަށަވަރެވެ.
ގުދުސީ ހަދީސް ފުޅެއްގައި މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. "އާދަމުގެ ދަރިޔާގެ ކޮންމެ އަމަލެއް ވަނީ އޭނާ އަށެވެ. ރޯދަމެނުވީއެވެ. ފަހެ ހަމަކަށަވަރުން ރޯދަވަނީ ތިމަންއަށެވެ. އެކަމަށް ޖަޒާ ދެއްވާނީ ތިމަން ﷲ އެވެ."
ޝައްކެތްނެތެވެ. ރޯދަ ވެރިޔާ ރޯދައަށް ހުންނައިރު އެހުންނަނީ މަތިވެރި އަޅުކަމެއްގައެވެ. ރޯދަ ވީއްލުމަށް ދާންދެން މަލާއިކަތުންގެ ހެޔޮ ދުއާ ރޯދަވެރިޔާއަށް ލިބިލިބި ހުންނާނެއެވެ. ރޯދަވެރިޔާގެ ދުއާ އަކީ ﷲ ތައާލާގެ ހަޒްރަތުގައި ގަބޫލުވެވިގެންވާ ދުއާއެކެވެ. ވަކިން ހާއްސަ ގޮތެއްގައި ރޯދަވީއްލުމަށް ތައްޔާރުވެފައިވާ ވަގުތު ކުރާ ދުއާއެވެ.
ރަމަޟާން މަހަކީ ގުރްއާނުގެމަހެވެ. އެމަހެއްގައި ކީރިތި ގުރްއާން ބާވާލެއްވި ޝަރަފުވެރި މަހެވެ. އެހެންކަމުން ރަސޫލާ އާއި އެކަލޭގެފާނުގެ އަސްހާބުންނާއި އޭގެ ފަހުން ވަޑައިގެންނެވި މިއުންމަތުގެ ހެޔޮ ބޭފުޅުން ރަމަޟާން މަހުގައި ކީރިތި ގުރްއާނަށް ހާއްސަ ސަމާލުކަމެއް ދެއްވިއެވެ.
އެފޮތް ކިޔެވުމަށާއި އުނގެނުމަށާއި އުނގަންނައި ދެއްވުމަށް ހުސްވެވަޑައިގެންނެވިއެވެ. އެއީ އެހެން މަސްމަހަށް ވުރެ، ރަމަޟާންމަހު، ގުރްއާން ކިޔެވުމުގެ ދަރުމަޔާއި ސަވާބު ބޮޑުވުމުންނެވެ. ރަސޫލާ އާއި ޖިބްރީލުގެފާނާ ދެބޭކަލުން ކޮންމެ ރަމަޟާން މަހަކު ކީރިތި ގުރްއާން އެއްކޮޅުން އަނެއްކޮޅަށް މުރާޖައާކުރެއްވިއެވެ. ރަސޫލާ ސުވަރުގެ ވަޑައިގެންނެވި އަހަރު ދެފަހަރު މުރާޖައާ ކުރެއްވިއެވެ.
ރަމަޟާން މަހަކީ ފާފަ ފުއްސެވުމާއި ދިންނެވުމުގެ މަހެވެ. އިމާންކަންމަތީ ދަރުމަޔާއި ޘަވާބަށް އެދިގެން ރޯދަ ހިފައިފި މީހާގެ ފާފަތައް ފުއްސަވާނެ ކަމުގެއުފާވެރި ހަބަރު ނަބިއްޔާ ވަނީ ދެއްވާފައެވެ. ހަމަ އެ ޝަރުއައެކު ރޭގަނޑުގެ ރޭއަޅުކަން ކުރާމީހާ ވެސް ހަމަ އެފަދައެވެ. އޭނާގެ ފާފަތައް ވެސް ފޮހެވިގެންދާނެއެވެ. ބޮޑެތި ފާފަތައް ފިޔަވައެވެ. ބޮޑުފާފައަކަށް އަރައިގަނެވިފައިވާ މީހާ، އެކަމަށް ތައުބާވާންޖެހޭނެއެވެ.
ރަމަޟާން މަހުގެ ދުވާލުގެ ވަގުތު މާތްކުރައްވާފައި ވާއިރު، ރޭގަނޑުގެވަގުތުތައް ވެސް ވަނީ މާތްކުރައްވާފައެވެ. އެ މާތްކަމަށް ޓަކައި ރޭއަޅުކަން ކުރުން ޝަރުއު ކުރެއްވިއެވެ. އަދި ފަހުދިހައިގެ އޮނަހިރި ރެއެއްގައި ބަރަކާތްތެރި ލައިލަތުލްގަދްރި ވިލޭރޭ ލެއްވިއެވެ. އެއީ އެއްހާސް މަހަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ.
މާތް ﷲ އަށް ހަމްދުކޮށް ޝުކުރު ކުރާށެވެ. ބަރަކާތްތެރި ރަމަޟާން މަސް މިވަނީ އަޅުގަނޑުމެންނާ ބައްދަލު ވެފައެވެ. ހެޔޮކަމުގެ މޫސުން މިވަނީ ލައިގަންފައެވެ. ސުވަރުގޭގެ ދޮރުކޮޅުތައް މިވަނީ ހުޅުވިފައެވެ. ނަރަކައިގެ ދޮރުކޮޅުތައް މިވަނީ ބަންދުކުރެވިފައެވެ. ބޮޑެތި ޝައިތޯނުންތައް މިވަނީ ކަސްތަޅު އެޅުވިފައެވެ. ލޮބުވެތިހެޔޮކަންކަމަށް އަވަސްވެގަންނާށެވެ. ﷲ ގެ ދަޢުވަތަށް އިޖާބަދޭށެވެ. ނުބައިކަންކަން ހުއްޓާލާށެވެ. އެކަލާނގެ އަމުރުފުޅަށް ތަބާވާށެވެ.
ރަމަޟާން މަހަކީ މަދު ދުވަސް ކޮޅެކެވެ. ދާދި އަވަހަށްނިމިގެން ހިނގައިދާނެއެވެ. ކުރެވުނު ހެޔޮ ކަމަކުން މެނުވީ ފަހުން ފައިދާއެއްނުކުރާނެއެވެ. މިދިޔަ އަހަރުގެ ރަމަޟާން މަސް، އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު އެތައް އަޚުންނަކާއި އުހްތުންނެއް ވަނީ، މި ރަމަޟާންމަހާ ބައްދަލުވިއިރު އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައެވެ. މިއީ އަޅުގަނޑުމެން އެންމެންގެ ލޯމަތީގައި ފެންނަން އޮތް ހަގީގަތެކެވެ.
މި ރަމަޟާން މަހާ ބައްދަލުވުމަކީ، ކުރިއަށްއޮތް ރަމަޟާން މަހާ ބައްދަލުވާނެކަން ޔަގީންވާ ކަމެއް ނޫނެވެ. ރަމަޟާން މަސް ފެށިފައިވާއިރު މިމަސް ނިމެންދެން އަޅުގަނޑުމެންގެ ތެރެއިން ދުނިޔޭގައި ތިބޭނީ ކިތައްމީހުން ކަމެއްވެސް ނޭނގެއެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެއެންމެފަހު ރަމަޟާން މަސް ކަމަށް ވެސް ވެދާނެއެވެ. ވީމާ މިމަހަށް ގަދަރު ކުރާށެވެ. އިހްތިރާމް ކުރާށެވެ. އަޅުކަމުގެ މަހެއްގެ ގޮތުގައި ބަލައިގަންނާށެވެ.
ހަގީގަތަކީ މިއީ ކަމުގައި ވިއަސް ބައެއް މީހުންގެ ހާލާމެދު ހިތާމަކުރަންޖެހެއެވެ. އެބައިމީހުން ވަނީ އާހިރަތާ މެދު ގާފިލުވެފައެވެ. ރަމަޟާން މަހަކީ ކިހާމަތިވެރި މަހެއްކަން އެބައިމީހުން ނުދަނެއެވެ. ބައެއް މީހުންނަށް ހީވަނީ މިއީ ހަމައެކަނި ތަފާތު ކެއުންތަކާއި ބުއިންތަކުގެ މަހެއް ކަމަށެވެ. ކުޅިވަރާއި މަޖަލުގެ މަހެއް ކަމަށެވެ. ރޭގަނޑު ހޭލާ ހުރެފައި، ދުވާލު ހަތަރުދަމު ނިދަން އޮތް މަހެއް ކަމަށެވެ. އެބައިމީހުންނަށް ވަނީ ރޯދައިގެ މަގްސަދު އޮޅިފައެވެ. ނަތީޖާއެއްގެ ގޮތުން ރޯދަމަހު ޒުވާބު ކުރުމާއި އަރާރުން ވުން ގިނަވެއެވެ. ކާބޯތަކެތި އިސްރާފު ކުރުމާއި ވަގުތު ބޭކާރުކުރުން އިތުރުވެއެވެ.
އެއްގޮތަކަށް ވެސް މިއީ އަޅުގަނޑުމެން އުޅެންވީ ގޮތެއްނޫނެވެ. އަޅުގަނޑުމެންގެ އުމުރު ވަރަށް ކުރެވެ. ފާއިތުވެގެންދާ ކޮންމެ ހިނދުކޮޅަކީ، އުމުރުން އުނިވެގެންދާ ވަގުތުކޮޅެކެވެ. އަޅުގަނޑުމެންގެ މިސާލަކީ ހެދިބޮޑުވަމުންދާ ގަހެއްގެމިސާލެވެ. އެގަސް ހެދި ބޮޑުވެ ވަރުގަދަވެއެވެ. އާރޯ ކަމާއި ތާޒާކަން އާދެއެވެ. ދެންއޭގެ ފަހުން ހީނަރުވާން ފަށައެވެ. ގަހުގެ ތާޒާކަން ގެއްލި އެންމެފަހުން ބަލިކަށިވެ ފަނާވެދެއެވެ. އަޅުގަނޑުމެންނަށް ވެސް ވާނީ ހަމަ އެހެންނެވެ. އަޅުގަނޑުމެންގެ ކުރީގެމީހުންނަށް ވެސްވީ ހަމަ އެހެންނެވެ. ވިސްނައި ފިކުރު ކުރާށެވެ. ތިބާ ކުރިއަށް އޮތްދަތުރަށް ތައްޔާރު ކޮއްފައި ވަނީ ކޮންކަހަލަ އަމަލުތަކެއް ހެއްޔެވެ. ހެޔޮ އަމަލުހެއްޔެވެ. ނުވަތަ ނުބައި އަމަލު ހެއްޔެވެ. ކުރިއަށް އޮތީ ފަސޭހަ މަރުހަލާތަކެއްނޫނެވެ. މަރުހިއްޕަވާ ވަގުތެވެ. ކައްވަޅުގެ އެކަނިވެރިކަމެވެ. މަހްޝަރުގެ މައިދާނެވެ. ސިރާތު މަގު ހުރަސް ކުރުމެވެ. ހިސާބު ބެއްލެވޭވަގުތެވެ.
މިއަދު ނުވެވުނު ރައްކަލެއް ފަހަކުން ނުވެވޭނެއެވެ. ދުނިޔޭގެ ދިރި އުޅުމަކީވަގުތީ ކަމެއްކަން ހަނދާންކުރާށެވެ. މާދަމާ ވެސް ލޯމަރާލަން ޖެހިދާނެއެވެ. ތައުބާވެ އިސްތިގްފާރު ކުރާށެވެ. ތިބާގެ އަމަލުތަކާ މެދު ވިސްނައި ފިކުރު ކުރާށެވެ. ބުއްދިވެރިންނަކީ އަމިއްލައަށް ތިމާގެ ރައްކާތެރިކަން ހޯދައިގަންނަ މީހުންނެވެ.
އަޅުގަނޑުމެން އެންމެން ވެސް މިދުނިޔެއާ ވަކިވެގެންދާނެއެވެ. އަޅުގަނޑުމެންނަށް ނޭނގެނީ، އެއީ ކޮން ވަގުތެއް ކަމެވެ. އެކަންމެދުވެރިވާނީ ކޮން ތަނެއްގައި ކޮން ހާލަތެއްގައި ކަމެވެ. އަޖަލު ހަމަވުމުން އެއްވެސްމީހެއްގެ އަޖަލެއް ލަސްނުކުރެވޭނެއެވެ.
މި ރަމަޟާން މަހަކީ ހަޔާތުގެ އެންމެފަހު ރަމަޟާން މަސްކަމަށް ވެސް ވެދާނެކަމަށް ބަލައިގެން ހެޔޮ އަމަލުތަކަށް އަވަސްވެގަންނާށެވެ. ހަގީގީ މާނައިގައި ﷲ ގެ އަޅަކަށް ވާށެވެ. ނަމާދު ތަކަށް ރައްކާތެރި ވާށެވެ. ދީނުގައިމަނާ ކުރައްވާފައިވާ އެއްވެސް ކަމަކާ ކައިރި ނުވާށެވެ. މި ބަރަކާތްތެރި މަހުގެ ބަރަކާތްރޮގޮތުގައި ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. މި މަހުގެ ހެޔޮކަމުން މަހުރޫމް ވެއްޖެ މީހަކީ ވަރަށް ބޮޑު ބަދު ނަސީބު ވެރިއެކެވެ.
ރަސޫލާ ގެ ހަދީސެއްގެ މާނާގައި ވެއެވެ. "ހަމަކަށަވަރުން މި ބަރަކާތްތެރި މަސް ތިޔަބައިމީހުންނާ ކުރިމަތިލައިފިއެވެ. އެ މަހުގައިއެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެއް ވެއެވެ. އެ ރޭގެ ހެޔޮކަމުން މަހްރޫމްވެއްޖެ މީހާ ހަމަކަށަވަރުން ހުރިހާ ހެޔޮކަމަކުން މަހްރޫމްވެއްޖެއެވެ. އަދި ހުރިހާ މަހްރޫމްވާ އަބާއްޖަވެރިޔާ ނޫނީ ހެޔޮކަމުން، ހުއްޓެވެ."
މި މާތް މައްސަރުގެ މާތްކަން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާން އޮތްއިރު މި މައްސަރު އެތައްގޮތަކުން ހާއްސަވެއެވެ. ރޯދަވެރިންނަށް “އައްރަޔާން” ދޮރުކޮޅު ސުވަރުގައިން ހާއްސަކުރެވިފައިވާއިރު މި މައްސަރުގެ ތެރޭގައި އެއްހާސް މައްސަރުގެ އަޅުކަމުގެ ސަވާބު ލިބޭ ރެއެއްވާކަން ދަނެ އެ ރެއަށް ތައްޔާރުވާށެވެ. ރަމަޟާން މަހުގެ ރޭތައް މަޖަލާއި އުފަލުގައި ހޭދަކުރުމުގެ ބަދަލުގައި މިއީ ތިމާއާ ބައްދަލުކުރާ އެންމެ ފަހު ރަމަޟާން މަސް ކަމުގައި ދެކި އެކަމަށް ތައްޔާރުވެ، ހެޔޮގޮތުގައި ދުވަސްތައް ވޭތު ކުރާށެވެ.
މާތް ﷲ އަޅަމެން އެންމެންނަށް ވެސް މި ބަރަކާތްތެރި ރަމަޟާންމަސް ލިބި ނަފުސު ތާހިރުކޮށްލުމުގެ ފުރުސަތު ލިބުމުގެ ހެޔޮ ތައުފީގު ދެއްވާށެވެ.! އާމީން آمين يا رب العالمين