ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް އާއެކު ލުއިތަކެއް ދޭން މަޝްވަރާކުރަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ދެވަނަ ޑޯޒް އާއެކު ދިނުމަށް ނިންމާފައިވާ ލުއިޔަކުގެ ތެރޭގައި ކަރަންޓީނާ ނުލާ މީހުން އުޅޭ ރަށްރަށް ދިއުން ވެސް ހިމެނެއެވެ.

އެގޮތުން މި ލުއިތަކާ ބެހޭ އިތުރު ތަފްސީލު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް ވަނީ އެނގިފައެވެ.

މީގެ ކުރިން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 1122 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 127 މީހަކާއި އަތޮޅު ތެރެއިން 995 މީހެކެވެ. އެއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 274،782 އަށް އަރާފައެވެ.

އިއްޔެ ދެވަނަ ޑޯޒް 3601 މީހަކު ޖަހާފައި ވާއިރު އެއީ މާލެ ސަރަހައްދުން 2421 މީހުން އަދި އަތޮޅުތެރެއިން 1180 މީހެކެވެ. މިއާއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު 28،970 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރޯދަ މަސް ފެށުމާއެކު ކޮވިޑް ވެކްސިން ޖަހައިދެމުންދަނީ ރޭގަނޑުގެ ވަގުތުގައެވެ. ކޮވިޑް ވެކްސިން ޖެހުމަށް ދާ މީހުންގެ ކިއު ދިގުވާތީ މާލޭ ސަރަހައްދުގައި ވެކްސިން ޖަހައި ދިނުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރު ވަނީ އިތުރުކޮށްފައެވެ. އެ ގޮތުން މިހާރު ވެކްސިން ޖަހައިދެމުން ދަނީ ރޭގަނޑު 9:00 އިން ފެށިގެން 11:45 އާ ދެމެދު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރޯދަ މަހު ޖުމްލަ 7 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ހިދުމަތް ދޭނެއެވެ. އެގޮތުން ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ޖަހައިދޭނީ ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލެރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލޭ ވެކްސިން ސެންޓަރު، އަދި ވިލިމާލޭ ވެކްސިން ސެންޓަރާއި ސެނަހިޔާ ހޮސްޕިޓަލުންނެވެ. އަދި ސިނޯފާމްގެ ފުރަތަމަ ޑޯޒު ޖަހައި ދޭނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށް ދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި އޮތޮޅުތަކުން 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.

މިދިޔަ އާދިއްތަ ދުވަހު ހުޅުމާލެ ހޮސްޕިޓަލް އަދި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒާ ވެކްސިން ޖަހަން ފަށާފައި ވާއިރު އެ ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ފައިޒާ ވެކްސިންގެ ޖެހުމަށް ހަމަޖެހިފައި ވަނީ 16 އަދި 17 އަހަރުގެ ކުދިންގެ އިތުރުން 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އޭގެ އިތުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައި ވާ ހާއްސަ ހާލަތްތަކުގައި ވާ ފަރާތްތަކަށް ވެސް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.