ކޮންމެ އަހަރަކުވެސް ރޯދަ މަހަކީ ވިޔަފާރިވެރިންނަށް އަންނަ މާސިންގާ ބޮޑު އީދެކެވެ. ފިހާރަތަކުގެ ވިކުރާ ރަނގަޅުވެ ހުރިހާ "ސޭޓުންގެ މޫނުމަތި ތާޒާވެ" އުޖާލާވެގެން ދިޔަ ނަމަވެސް 90 ޕަސެންޓް ސޭޓުން ބުނަނީ ވިޔަފާރި ރަނގަޅު ނޫން ކަމަށެވެ.
ބާޒާރު މަތީގައި ތަރުކާރީ އާއި މޭވާ ވިއްކަން ހުރި މީހަކާ ސުވާލު ކޮށްލީމާއި "ވިޔަފާރި ނުވާ ކަމަށް ސޭޓުން ބުނާ ވާހަކައަށް" ޖަވާބު ދިނީ ސާބިތު ކަމާއެކުގައެވެ. އޭނާ ގާސިމުގެ ވާހަކަ ފާހަގަ ކުރީ، އެއީ ވިޔަފާރި ވެރިން ނުވަތަ ސޭޓުން އެމީހުންގެ ވިޔަފާރިން ފައިދާއެއް ނުވެ ނުވަތަ ވިޔަފާރި ނުވާކަމަށް ބުނެ އުޅޭ އުޅުމަށް ބޭނުން ކުރާ މިސާލު ބަހަކަށް ވާތީއެވެ.
އޭނާ އިތުރަށް ބުނީ، ރޯދަ އައި އިރު ބާޒަރުގައި 16ރ އަށް ހުރި ކަރާ ކިލޯ މިހާރު 25ރ، 30ރ އަށް އަރާފައި ވާ އިރު، ކެރެޓާއި އަލުވި ފިޔާ ފަދަ ތަކެތިވެސް ބޮޑުވެފައި ވާހަކަމަށެވެ.
ބާޒާރުގެ އަގުތައް:
- ކުރުނބާ: 40ރ، 45ރ، 50ރ އަދި 60ރ
- ކަރާ ކިލޯ: 25ރ، 28ރ އަދި 30ރ
- މެންޑަރިން ކިލޯ: 60ރ
- އިނގުރު ކިލޯ: 50ރ
- ލޮނުމެދު ކިލޯ: 40ރ
- ފިޔާ ކިލޯ: 12ރ
- ލުނބޯ ކިލޯ: 40ރ
- އޮރެންޖް: 3ރ
- މަސް: 100ރ، 150ރ
ރޯދަ ފެށުމުގެ ކުރިން ހުރި އަގުތަކާއި، މިހާރުގެ އަގުތަކަށް ބަލާއިރު ބޮޑު ތަފާތެއް ފާހަގަ ވެގެން ގޮސްފައި ވަނީ ކަރައާއި ކުރުނބަލުންނެވެ. އަދި ކަނޑުމަހުގެ އެކި އެކި ބާވަތްތަކުގެ އަގުވެސް ވަނީ އުފުލިފައެވެ.
އިއްޔެއާ ހަމައަށް ލޯކަލް މަސް މާރުކޭޓުގައި ތާޒާ ކަނޑުމަސް ހުރީ ކިލޯއެއް 45ރ. އަށެވެ. ނަމަވެސް މިހާރު އަގު ވަނީ 65ރ. އަށް އުފުލިފަ އެވެ. މިއީ 20ރ. ގެ އިތުރުވުމެކެވެ. ފަރުމަސް ވަކިން ބޮޑެވެ.
ރޯދަ މަހު ބާޒާރުގެ އަގުތަކަށް ބަދަލުތައް އަންނަ އިރު އެއްގަމު ތެރޭގެ ފިހާރަތަކުގެ ވިކުރާވެސް ބޮޑުތަނުން ވަނީ އިތުރު ވެފައެވެ.
އޭނާގެ އިތުރުން، އެއްގަމު ތެރޭގައި 5 ފިހާރަ ހިންގާ މީހަކު ބުނީ، އޭނާ މުދާ ނަގަނީ ބާޒާރުން ކަމަށާއި، އޭނާގެ ފިހާރައިގެ ވިކުރާ އަބަދުވެސް ރަނގަޅު ކަމަށެވެ.
ރޯދައަށް މުދަލުގެ އަގު ބޮޑު ކުރުމަކީ އާންމު ކަމެކެވެ. ރާއްޖޭގައި އޮންނަނީ "ފްރީ ޓްރޭޑް" ނިޒާމެއް ކަމުން ކޮންޓްރޯލް ބާވަތްތައް ފިޔަވާ ދެން ހުރި ކޮންމެ އެއްޗެއް ހިތުހުރި އަގެއްގައި ވިއްކެއެވެ. އެކަމުގެ ނަތީޖާއަކީ އަގުތައް އެއްވަރެއްގައި ނުހިފެހެއްޓުމާއި ރޯދަ މަހު ގިނަ ބަޔަކު ވިޔަފާރި ކުރާނެކަން އެނގޭތީ ބޮޑު ފައިދާ ހޯދުމަށް އަގުބޮޑު ކޮށް ވިއްކުމެވެ.
ޗާންދަނީ މަގުގައި ހުރި ބޮޑު މޯލަކުން ރަގެއް ހިފައިގެން ނުކުތް މީހަކާ ދިމާވެގެން އަހާލީމާ ބުންޏެވެ. އޭނާ ތެލުގެ ވާހަކަ ފާހަގަ ކުރި އިރު ތެލުގެ އަގަށް ވާ ގޮތް ކިޔުންތެރިންނަށް އެނގޭނެއެވެ. އެހެންވީމާ އެވާހަކަ އިތުރަކަށް ނުދައްކާނަމެވެ.
ރޯދައަށް މާލެ އެތެރެ ކުރާ މޭވާއާއި ތަރުކާރީގެ އަގުތައް އުފުލޭ އިރު އެތަކެތީގެ ކޮންޓްރޯލް އޮންނަނީ ބިދޭސީންގެ އަތުގައިކަން ފާހަގަ ކުރަން ޖެހެއެވެ. ތަރުކާރީއާއި މޭވާ ހައްދާ ދަނޑުތަކުން ފެށިގެން، އެތަކެތި ދޯނީގައި މާލެ ގެނައުމާައި މާލޭ ބާޒާރަށް އެތަކެތި ބެހުމާއި އަގު ޖެހުމާއި ވިއްކުމަކީވެސް ބިދޭސީންގެ ފުލް ކޮންޓްރޯލްގައި ހިނގަމުން ދާ ކަންކަމެކެވެ. ދިވެހިން ތިބެގެން އެ ބިދޭސީންނަށް މަދަދު ދޭ އިރު އެކަންކަން ހަމަ މަގަށް އަޅުވަން ސަރުކާރުން ވަނީ ނުކުޅެދިފައެވެ.
ރޯދަ މަހުގެ ފުރަތަމަ 5 ދުވަސް ނިމިގެން ދާއިރު ހުރިހާ ބާވަތަކުން އަގުތައް ބޮޑުތަނުން އުފުލިގެން ނުދިޔަ ނަމަވެސް، ބާޒާރަށް ތަކެތި ނެރުމުގައި ބިދޭސީން ގެންގުޅޭ ކޮންޓްރޯލުގެ ސަބަބުން ރޯދަ މަހުގެ ބާކީ އޮތް މުއްދަތުގައި ތަކެތީގެ އަގުތައް އުފުލޭނެއެވެ. ބާޒާރުގެ އަގުތައް އުފުލޭ ކޮންމެ ފަހަރަކު އެއްގަމު ތެރޭގެ ފިހާރަކުގެ އަގުތައްވެސް އުފުލެއެވެ.
އަތްފޯރާ ފަށެއްގައި ކަބޯތަކެތި ލިބި ފުއްދާލެވޭނެ ގޮތެއް ވުމަކީ އުއްމީދެކެވެ.