ކުރިއަށް އޮތް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާފަ ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށް ބީއެމްއެލުން މިއަދު ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓާތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް ރޯދަ މަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ)، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން އަދި ޕޭ ރޯލް ޕްރޮސެސް ކޮށްދިނުމާއި ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓުތަކަށް ހެނދުނު 11:00 ގެ ކުރިން ފޮނުވާ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކުތައް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ.

ހަމައެހެންމެ އެހެން ބޭންކްތަކުގެ ޗެކް ޕްރޮސެސް ކުރުން ހެނދުނު 10:00ގެ ކުރިން ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި އެ ވަގުތުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރާނީ ދެން ބޭންކު ހުޅުވާ ދުވަހެއްގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްއިން ވަނީ މާލޭ ސިޓީގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގުމަށް އެދިފައެވެ. އަދި ހިދުމަތް ހޯދުމަށް ބޭންކަށް އައުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބޭ ކަސްޓަމަރުންގެ އަދަދު ޗެކް ކުރުމަށް ވެސް ބީއެމްއެލް އިން ވަނީ އެދިފައެވެ.